ރާއްޖޭގައި އުރަމަތީގެ ކެންސަރު އިތުރުވަމުންދާ ކަމަށާއި އެ ބައްޔާ ގުޅޭ ގޮތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިފަދައިން ވިދާޅުވީ، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ އަހަރީ ފަސްވަނަ ސިމްފޯޒިއަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގައި އުރަމަތީގެ ކެންސަރު ކެންސަރު ޖެހޭ މީހުން އިތުރުވެފައިވާތީ، އަންހެނުން އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުން އިތުރުކުރަން ޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވި ---- ފޮޓޯ/ ރައީސް އޮފިސް
އެގޮތުން، މި ބައްޔަށް އާންމުން ހޭލުންތެރި ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މިހާރަށް ވުރެ އިތުރު ކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މި ބައްޔަށް އެންމެ އަވަހަށް ފަރުވާ ހޯދޭނީ ވީ އެންމެ އަވަހަކަށް ބައްޔަށް ޓެސްޓު ކޮށްގެން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެހެންވެ، މެޑަމް ވަނީ މި ދިވެހި އަންހެނުން މި ބަލި ޓެސްޓު ކުރުމަށް މެމޯގްރާމް ހެދުމަށް ގޮވާލައްވާފައެވެ.
އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށް. އެހެންވީމާ އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، އަވަސް ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ،މެޑަމް ސާޖިދާ މުޙައްމަދު
އިތުރަށް ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ، ރާއްޖޭގައި އުރަމަތީގެ ކެންސަރަށް ދެވޭ އެކި ފަރުވާތައް ރާއްޖޭގައި ވެސް އެބަހުރި ކަމަށެވެ.
އައިޖީއެމްއެޗުން މެމޯގްރާމް ހެދޭކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، މެމޯގްރާމް ހެދުމަށް މިހާރު ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ކަމަށެވެ. އަދި، ކީމޯތެރަޕީގެ ޚިދުމަތް ވެސް ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭކަން އެކަމަނާ ފަހާގަކުރައްވާފައިވެއެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުން އިތުރުކުރަން ޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވި ---- ފޮޓޯ/ ރައީސް އޮފިސް
ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުން ކުޑަކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށް މެޑަމް ވިދާޅުވިއެވެ.
އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް މިންހެޔޮ ކާނާ ބޭނުންކުރުމަށާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި، މި ފިޔަވަޅުތައް ހަގު އުމުރުގައި އަޅަން ފެށުމުގެ މުހިންމުކަން ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
އެސްޓީއޯއާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މައުލޫމާތުތައް ފޯރުކޮށްދިނުމާއި، އެ ބައްޔާ ގުޅޭ މަޝްވަރާތައް ކުރުމެވެ.