ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމެނީ، 13 މިލިއަން ރުފިޔާ ސަލާމަތްވެއްޖެ

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމެނީ، އެ ތަނަށް 13 މިލިއަން ރުފިޔާ ސަލާމަތްވެއްޖެ -- ފޮޓޯ/ އެކްސް

އިންޖީނުގެތަކަށް ބޭނުންވާ ސާމާނާ އެކު ސްޓެލްކޯއިން ހުޅުވާ ބިޒްނަސް ސެންޓަރު އެޅުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މި މަސައްކަތް ސްޓެލްކޯގެ މުވައްޒަފުން ލައްވާ ކުރުމުން ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނު އެއްތަނަކުން ލިބޭގޮތަށް ސްޓެލްކޯއިން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގައެވެ. އެތަން ހުޅުވުމަށް ނިންމާފައިވަނީ ސްޓެލްކޯ އިމާރާތުގެ ތިރީގައި ހުންނަ ފިހާރައާ ޖެހިގެން އޮންނަ ހުސް ބިމުގައެވެ.

ފަހުމީ މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި އެ ތަން ހެދުމުގެ އަމަލީ މަސައްކަތްކުރަނީ ވެސް ސްޓެލްކޯގެ މުވައްޒަފުންނެވެ.

ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުމާއި ލީޑަޝިޕްގެ ދަށުން ސްޓެލްކޯ ބިޒްނަސް ސެންޓަރު ހެދުމުގެ މަަސައްކަތް ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށެވެ. އަދި، ސްޓެލްކޯގެ މުވައްޒަފުން އެ ތަން ހެދުމުގެ އަމަލީ މަސައްކަތް ކުރާތީ، އެ މަސައްކަތަށް 13 މިލިއަނެއްހައި ރުފިޔާ ސަލާމަތްވި ކަމަށެވެ.

މި ކަމުގައި ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި ފަހުމީ ޝުކުރުއަދާ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯގެ މި ސެންޓަރުން އިންޖީނާއި، ޓްރާންފޯމަރުތަކާއި، ކޭބަލްތަކުގެ އިތުރުން ސްޓޯރެޖް ސިސްޓަމްތައް އަދި އިޔާދަކުރަނިވި ހަކަތައާ ގުޅޭ ސާމާނު ވެސް ލިބެން ހުންނާނެއެވެ.

މި ސެންޓަރާ އެކު އިމަޖެންސީ ހާލަތްތަކަށް ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތްކަން އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ކާމިޔާބީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމާއި ކުރިމަގަށް ރައީސް މުއިއްޒު ދެއްވާ އަހަންމިއްޔަތު ފާހަގަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ ބިސްނަސް ސެންޓަރަކީ 7،500 އަކަފޫޓުގެ ދެ ބުރީގެ އިމާރާތެކެވެ.

ސްޓެލްކޯގެ އިމާރާތުގައި މިހާރު ހުންނަ ފިހާރަ ކަސްޓަމާ ކެއާއަށް ޚާއްސަކޮށް، އެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ފަހުމީ މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި އެ ކުންފުނިން ޚިދުމަތްދޭނީ އެއްވެސް މީހަކު ތަފާތުނުކޮށް ހަމަހަމަކަމާ އެކުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް