ޑުރަގު ނެޓްވޯކެއް އުމުރަށް ޖަލަށް: 1.5 މިލިއަން ދައުލަތަށް ނެގިއިރު 4 މިލިއަންގެ ޖޫރިމަނާ!

މި މައްސަލައިގައި އުމުރަށް ޖަލަށްލީ ހަތަރު މީހުން: އެ މީހުން ހައްޔަރުކުރިއިރު ހޯދި 1.5 މިލިއަން ވަނީ ދައުލަތަށް ނަގާފައި -- ފޮޓޯ/ ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓުރެފިކްކުރިކަމުގެ ކުށުގައި ޑުރަގު ނެޓްވޯކެއް ހިންގި ހަތަރު މީހަކު އުމުރަށް ޖަލަށްލައި، 1.5 މިލިއަން ރުފިޔާ ދައުލަތަށް ނަގަން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުންނަކީ:

  • ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު،
  • މާލެ، ހުޅުމާލެ ފުލެޓު ނަންބަރު 01-ޖީ45 ހަސަން ރަޝީދު
  • ތ. ތިމަރަފުށީ، ވައިޓްރޯސް، އިސްމާއިލް ޝަރީފް
  • މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް

އެ މީހުން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓުރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މީހުންނާ ގުޅުންހުރި ގެތަކެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެއީ، މއ. ހަނީސަކްލް، މ. ބުރެހިމާގެ، ގ. ނީ، އަދި މ. ރޭއަލިވާގޭގައި ހިންގާ 'ރޭއަލި ގެސްޓްހައުސް'އެވެ. އެ ތަންތަން ބަލައި ފާސްކުރީ ޖެނުއަރީ 12، 2021 ގައެވެ.

އެ ދުވަހު މި މައްސަލައިގައި ހިމެނޭ ލޫތު ހައްޔަރުކުރީ ގ. ނީގައި ހުއްޓައެވެ. އެ ގެއިން މަސްތުވާތަކެތި ފެނުނުއިރު އޭނާ ދިރިއުޅޭ މ. ބުރެހިމާގޭގެ ކޮޓަރިން 16،000 ރުފިޔާއާއި 450،000 ރުފިޔާ އަދި، އެއް މިލިއަން ރުފިޔާ ފުލުހުން ހޯދިއެވެ.

މައްސަލައިގައި ދެން ހިމެނޭ ހަސަން ރަޝީދު ހައްޔަރުކުރީ މއ. ހަނީސަކްލްއިންނެވެ. އޭނާގެ އަތުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނެވެ.

އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ހައްޔަރުކުރީ ރޭއަލި ގެސްޓްހައުސްގެ ކޮޓަރިއަކުންނެވެ. އެ ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނުއިރު، އިސްމާއިލް ޝަރީފްގެ ވޮލެޓުން 1،875 ރުފިޔާއާއި ލައިގެން ހުރި ޖީންސްގެ ޖީބުން 1،000 ރުފިޔާއާއި އެނދުމަތީ ދަބަހެއްގައި އޮތް 66،000 ރުފިޔާ ފުލުހުން ހޯދިއެވެ. އެ ތަން ބަލައި ފާސްކުރަނިކޮށް ވެސް މީހަކު 7،800 ރުފިޔާ އޭނާއާ ހަވާލުކުރަން އައުމުން ފުލުހުން ހިފެހެއްޓިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން މީގެ ކުރިން އަތުލައިގެން ފައިސާތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހަތަރު މީހުންގެ މައްޗަށް ވެސް ޑުރަގު ޓްރެފިކްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެހެންވެ، އެންމެން ވެސް އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ. އަދި، ހައްޔަރުކުރިއިރު ފުލުހުން އަތުލައިގެން 1.5 މިލިއަން ރުފިޔާ ދައުލަތަށް ނަގަން ވަނީ ހުކުމްކޮށްފައެވެ.

އެކަމަކު، އެކި މީހުންނަށް ދީފައިވަނީ ޖޫރިމަނާގެ އެކި އަދަބުތަކެވެ.

އެ ގޮތުން، މި މައްސަލައިގައި ހިމެނޭ ލޫތު 2 މިލިއަން ރުފިޔާއިން، ހަސަން ރަޝީދު އެއް މިލިއަން ރުފިޔާއިން އަދި އިސްމާއިލް ޝަރީފާއި ޝާނިޔާއާ ދެ މީހުން މީހަކު 500،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައެވެ. އެއީ، ޖުމުލަ 4 މިލިއަން ރުފިޔާގެ ޖޫރިމަނާއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ޖޫރިމަނާ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސްކުރަން އަންގައިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީޢުއެވެ.

comment ކޮމެންޓް