ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތި ވަނީ އިގްތިޞާދުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ނޫންކަމަށާއި، ޑޮލަރުގެ މައްސަލަ ކުރިމަތި ވަނީ މާލީ ނިޒާމުގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމެންޓު ބޭންކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވާ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިވެލޮޕްމެންޓު ބޭންކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ދައުލަތުގެ ރިޒާވަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
ޑިވެލޮޕްމެންޓު ބޭންކު ރާއްޖެއަށް މުހިންމުވާ ސަބަބުތައް މިނިސްޓަރު ވަނީ ކިޔައިދެއްވަފައެވެ. އެގޮތުން، މަންފާއެއް ނުލިބި ގިނަދުވަސް ވެފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރަން މި ބޭންކުގެ ސަބަބުން މަގުފަހިވާނެކަމަށް ސައީދު ލިޔުއްވާފައި ވެއެވެ.
ޑިވެލޮޕްމެންޓު ބޭންކުގެ އިތުރު ބޭނުންތަކުގެ ތެރޭގައި:
- ގުދުރަތީ މުއްސަނދިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް މަންފާވާނެ ފަދައިން ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުން
- ސަރަހައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަރަގު ކުޑަކުރުން
- ޓޫރިޒަމް ސިނާއަތުގެ އިންފްރާސްޓްރަކްޗާ ބާނުވެ ހިފެހެއްޓުން
- ދައުލަތުން ޚަރަދުކޮށްފައިވާ އުމުރާނީ ވަސީލަތްތަކަށް ބޭނުންވާ މަރާމާތާއި ބެލެހެއްޓުން
- ރަނގަޅު ފެންވަރުގެ ބޯހިޔާވައްސާއި ވަޒަންވެރިވާނެ ޒަމާނީ މާހައުލުތައް އުފެއްދުން
- ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ ބުރަ އަންނަން އޮތް ޖީލުތަކަށް ލުއިކުރުން
ޑިވެލޮޕްމަންޓު ބޭންކުން ފައިސާ ދޫކުރަނީ ހަމައެކަނި ދަރަނީގެ ގޮތުގައި ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެ ބޭންކުން މާލީ އެހީއާއި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ގޮތްތަކެއް ތައާރަފު ކުރާނެކަމަށެވެ.
"އޭގެތެރޭގައި އިކުއިޓީ ފައިނޭންސް، ފަންޑުތައް، ސިންޑިކޭޝަން، ރިސްކް އިންޝުއަރެންސް ހިމެނޭ،" މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.
މި ޕޯސްޓުގައި ވަނީ، ޑިވެލޮޕްމަންޓް ބޭންކުން ފަސް ދާއިރާއަކަށް ފޯކަސް ކުރާނެކަމަށެވެ. އެއީ:
- ހަކަތަ އާއި ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެއްޓުން
- ވަޒަންވެރިކަމާއި ބޯހިޔާވަހިކަން
- ތިމާވެށި ހިމާޔަތްކުރުން
- ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް
- ކަނޑުގެ މަންފާއާއި ކަނޑާ ގުޅިފައިވާ އިގްތިޞާދީ ހަރަކާތް
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް ޑިވެލޮޕްމަންޓު ބޭންކެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.