ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައާ ގުޅިގެން އެމްއެންޑީއެފް ވަޒީފާއިން ވަކިކުރި މޫސާ ޒަމީރު ވަޒީފާއިން ވަކިކުރީ ގަވައިދާ ޚިލާފަށް ކަމަށް ނިންމައި، އޭނާއަށް ގެއްލުމުގެ ބަދަލު ދޭން ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިނިފެންމާ ދަތުރު ކުރައްވަނިކޮށް، އެ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު، ލޯންޗުން ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ ފަދަ އެއްޗެހި ނަގައިގެން ގެންދިޔަ ކަމަށް ބުނެ، ސިފައިންގެ ތިން މީހަކަށް ދައުވާ ކުރި އެވެ.
އެ މައްސަލައިގައި ސ. ފޭދޫ ބުލްބުލާގޭ، އަހުމަދު ތިހާމްގެ އިތުރުން ދަފްތަރުު 617، މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް އަދި، އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
އެ ތިން މީހުންގެވެސް ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން، ޒަމީރާއި ފަޔާޒުގެ ޖަލު ހުކުމް ހައި ކޯޓުން 2019 ގައި ބާތިލް ކުރިއެވެ.
އެއާއެކު ޒަމީރުވަނީ ވަޒީފާ އަލުން ހޯދައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން ނިންމީ ވަޒީފާ އަނބުރާ ނުދޭށެވެ. އެހެންވެ، ހައިކޯޓުގައި ޒަމީރު މައްސަަލަ އިސްތިއުނާފުކުރިއިރު އެދިފައިވަނީ ވަޒީފާ އަލުން އިއާދަކޮށްދިނުމަށާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
ނަމަވެސް ހައިކޯޓުން ނިންމި ނިންމުމުގައި ބުނީ މި މައްސަަލައިގައި ގޮތެއް ނިންމާއިރު ޒަމީރު އެމްއެންޑީއެފްގައި އަދައިކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ދިނުމަކީ އެންމެ މަސްލަހު ހުރި ގޮތް ކަމަށް ކޯޓަށް ނުފެންނަ ކަމަށެވެ.
އެއީ މި މައްސަލައިގައި ހިނގައިފައިވާ މުއްދަތަށާއި، މި މުއްދަތުގައި ސިފައިންގެ މުއައްސަސާގެ ވަޒީފާތަކުގެ ކޮލިފިކޭޝަނަށާއި ހުނަރަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކުރުމަށްފަހު ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
އެހެންކަމުން ޒަމީރު ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާ ބެހޭ ގަވައިދާ ޚިލާފަށް ކަމަށްވާތީ ވަޒީފާ އަނބުރާ ރުޖޫއަށް ކުރުމަށް އެންގުމުގެ ބަދަލުގައި، އެންމެ އަދުލުވެރި ގޮތަކީ ގެެއްލުމުގެ ބަދަލު ނަގައިދިނުން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އެ ގޮތަށް ނިންމައިފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.