މޯލްޑިވިއަން ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓުތަކުގައި ސަރުކާރުގެ މަސް، ކުންފުނި މިފްކޯގެ މަހާއި މަހުގެ ބާވަތްތައް ދުނިޔޭގެ އެކި މާކެޓްތަކަށް އެކްސްޕޯޓު ކުރަން ފެށުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން، މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭޝަލް އޮފިސަރު އިލްޔާސް ހަނީފެވެ. އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ، މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމްގެ ފަރާތުން ލިބުނު އިރުޝާދަކާ ގުޅިގެން ކަމަށެވެ.

އެމްއެމްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓު ކުރަން ފަށަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް
އެގޮތުން، އެކުންފުނީގެ ބޯޓުތަކުގައި މިފްކޯއިން އެދޭ، ދުނިޔޭގެ ކޮންމެ މާކެޓަކަށް މަސް އެކްސްޕޯޓު ކޮށްދެވޭ ފެންވަރު އެބަ ހުރި ކަމަށާއި އެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް މުސްތަގުބަލުގައި ކުރަމުން އަންނާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވި ގޮތުގައި، މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭނީ މިފްކޯއިން ބޭނުންވާ މާކެޓަކަށް އެ ބަވާތްތައް ކޮލިޓީގައި ފޯރުކޮށްދިނުމަށެވެ.
"މިފްކޯއިން ކުރީގައި ގެންދާ ގޮތަށް ވެއްޖިއްޔާ ބޯޓު ކުއްޔަށް ހިފައިގެން ގެނެސްގެން މަސް ގެންދެވޭނީ. ބޯޓު ކުއްޔަށް ހިފުމުގައި ޑޮލަރު ދޭން ޖެހޭނެ. ޑޮޮލަރު ބޭރުވެގެން ދާނީ ރާއްޖޭން، މިހާރު އެބޭފުޅުން ދެއްވާ އެއްޗެއް ލިބޭނީ ގައުމީ ޝިޕިން ކުންފުންޏަށް،" އޭނާ ވިދާޅުވިއެވެ.

އެމްއެމްއެސްގެ ބޯޓުތަކުގައި މިފްކޯގެ މަސް އެކްސްޕޯޓު ކުރަން ފަށަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެއިތުރުން، މި ރަސްމިއްޔާތުގައި އިލްޔާސް ވިދާޅުވީ، މި ކަމުގެ ސަބަބުން އެކުންފުނީގެ އެކްސްޕޯޓު ސިސްޓަމަށް ބޮޑު ބަދަލެއް ގެނައުމަށް ފުރުސަތު ލިބޭ ކަމަށާއި އިތުރު މާކެޓުތައް ހޯދުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން މަސް ބޭރު ކުރުމަށް އިތުރަށް ކުރާ ޚަރަދުތައް ކުޑަވެގެންދާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިފްކޯގެ މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް އެމްއެސްއެސްގެ ފަސް ބޯޓެއް އޮޕަރޭޓު ކުރުމަށް ނިންމާފައިވާއިރު، އެއް ބޯޓުގައި 1100 ކޮންޓެއިނާ އަދި ދެ ބޯޓެއްގައި 600 ކޮންޓެނިއާ އުފުލޭނެއެވެ. އޭގެއިތުރުން، މާލެއިން ކުއްޑޫއަށް ކޮންޓެއިނާ އުފުލުމަށް ބޭނުންކުރާނީ އެއް ފަހަރާ 80އާއި 100އާ ދެމެދުގެ ކޮންޓެއިނާ އުފުލުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.