ޔުއޭފާ ނޭޝަންސް ލީގު ބީގެ ގްރޫޕް ދެއެއްގައި އިނގިރޭސިވިލާތުން ފިންލަންޑް ބަލިކޮށްފިއެވެ.
ފިންލަންޑްގެ ވެރިރަށް ހެލްސިންކީގައި ކުޅުނު މި މެޗު އިނގިރޭސީން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.
އެންމެ ފަހު މެޗުގައި ގްރީސް އަތުން އަމިއްލަ ދަނޑުގައި ބަލިވެފައިވުމުގެ ސަބަބުން މި މެޗަށް އިނގިރޭސި ޓީމު ނުކުތީ ހަ ބަދަލާ އެކުއެވެ. ވަގުތީ ކޯޗު ލީ ކާސްލީ ގެނައި ބަދަލުތަކުގެ ތެރޭގައި ކީޕަރު ޖޯޑަން ޕިކްފަޑްގެ ބަދަލުގައި ޑީން ހެންޑަސަން އެރުވުން ހިމެނެއެވެ.
މެޗުގައި އިނގިރޭސީންގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް ފުރަތަމަ ލީޑު ނެގީ ވެސް އިނގިރޭސީންނެވެ. މި ގިލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޖެކް ގްރޫލިޝެވެ.
މެޗުގައި އިނގިރޭސީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ލިބިގެންދިޔަ ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ. މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން އިނގިރޭސީންގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފިންލަންޑުން ވަނީ އެ ޓީމުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޓޫ ހޮސްކޮނެންއެވެ.
މި ކާމިޔާބީއާ އެކު އިނގިރޭސީން މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާ އެކު ގްރީސްގެ ފަހަތުން ގްރޫޕްގެ ދެވަނައިގައެވެ. ފިންލަންޑް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.