ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދަލު ކުރަނީ

ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިހާރު އެ މަގާމުގައި ހުންނެވީ އިބްރާހީމް ޝަހީބެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާއިރު، ޝަހީބުގެ ބަދަލުގައި އެހެން ބޭފުޅަކު ސަފީރު ކަމަށް އައްޔަނު ކުރުމަށް ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ޝަހީބް އެހެން މަގާމަކަށް ބަދަލުކުރައްވަނީ ކަމެއް ނުވަތަ އޭނާ މަގާމުން ވަކިކުރަނީ ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ޝަހީބު އައްޔަން ކުރެއްވީ މިދިޔަ ސަރުކާރުގައި 2022ވަނަ އަހަރުގެ އޮކްޓޫބަރު 10ގައެވެ.

ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

comment ކޮމެންޓް