ވިއްސާރަވެ ވައިގަދަވުމުން، ސައިކަލު ދުއްވާއިރު ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ފުލުހުން މަގުމަތީގައި: ފުލުހުން ވަނީ ވިއްސާރަވުމުގެ ސަބަބުން ސައިކަލު ދުއްވާއިރު ސަމާލުވާން އިލްތިމާސްކޮށްފައި -- ފޮޓޯ/ ފުލުހުން

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައި ގަދަވުމާ އެކު ބުރިޖާއި ހައިވޭ މަތިން ސައިކަލު ދުއްވާއިރު ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ނެރުނު ރީނދޫ ސަމާލު ވެސް މިރެއާ ހަމައަށް ވަނީ ދަންމާލައިފައެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި ދުވަސްވަރު ވައިގަދަވެ، ވިއްސާރަވުމާ އެކު ސިނަމާލެ ބުރިޖުންނާއި ހައިވޭއިން ދަތުރުކުރާއިރު އެންމެންގެ ސަމާލުކަމަށް ބަލައިގެން އުޅަނދު ދުއްވަން އިލްތިމާސްކޮށްފައެވެ.

އެ ގޮތުން، ކުޑަ ނަގައިގެން ސައިކަލު ނުދުއްވުމަށާއި ފަސޭހައިން ހަލާކުވާ ފަދަ ވިއްސާރަ ކޯޓު ވެސް ބޭނުންނުކުރާން ފުލުހުން އެދުނެވެ. އަދި، ހެލްމެޓު އަޅާއިރު ވެސް ވަޔާ އެއްލައިނުލާނެ ގޮތަށް ރަނގަޅަށް އަޅަން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ސައިކަލުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ވަނީ ނަސޭހަތްތެރިވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 11:00 ގައި ނެރުނު ރީނދޫ ސަމާލުގެ މުއްދަތު މިރޭ 7:00 އާ ހަމައަށް ދަންމާލައިފައެވެ. އެއީ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ނެރެފައިވާ ސަމާލެކެވެ.

https://sun.mv/197776

އެ ސަރަހައްދަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދަށް ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، ކަނޑުތައް ވެސް ގަދަވާނެތީ އެ އިދާރާއިން ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރުނު ހުދު ސަމާލުގެ މުއްދަތު ވެސް ވަނީ މިރޭ 9:00 އާ ހަމައަށް ދަންމާލައިފައެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް