ވައި މަޑެއްނުވޭ، ރީނދޫ ސަމާލު މިރެއާ ހަމައަށް ދަންމާލައިފި

ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވަނީ ދަންމާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ނެރުނު ރީނދޫ ސަމާލު މިރެއާ ހަމައަށް ދަންމާލައިފިއެވެ.

ހެނދުނުން ފެށިގެން މާލޭ ސަރަހައްދަށް ކެރީގެ އަސަރުކުރަމުން އަންނައިރު ވިލާގަނޑުގައި ވައި ވަރަށް ގަދަވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 11:00 ގައި ނެރުނު ރީނދޫ ސަމާލުގެ މުއްދަތު މިރޭ 7:00 އާ ހަމައަށް ދަންމާލައިފައެވެ. އެއީ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ނެރެފައިވާ ސަމާލެކެވެ.

އެ ސަރަހައްދަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދަށް ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންވެ، ކަނޑުތައް ވެސް ގަދަވާނެތީ އެ އިދާރާއިން ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރުނު ހުދު ސަމާލުގެ މުއްދަތު ވެސް ވަނީ މިރޭ 9:00 އާ ހަމައަށް ދަންމާލައިފައެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް