މަކުނިވިދުރިއާއި އެއިޑްސް ފަދަ ބަލިތަކަކީ ބަދުއަޚުލާގީ އަމަލުތަކަށް ދުނިޔެވީ ސަޒާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ފާހިޝް ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ނުރައްކާތެރި ބަލިތައް ވެސް ހިމެނެއެވެ.
ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނެނޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚުލާގީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެެއް ކަމަށާއި ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެ، ކައިވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށް ޚުތުބާގައި ބުންޏެވެ.
ދުނިޔޭގެ އަޚުލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެއީ، ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ ކަމަށާއި މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފުސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
އަދި، އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވާފައިކަން ވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ. ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
"ކީރިތި ރަސޫލާގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެއް. ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއް. ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ޤަބޫލު ކުރައްވާ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ބުނެފައެވެ.
އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީން ކަމަށާއި ﷲ ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚުލާގީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވާފައި ކަމަށާއި އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް ކަމަށާއި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެކަމަކު، މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިކަން ފާހަގަކޮށްފައިވެއެވެ.
ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން ޤައުމުތަކަށް ގޮސް އުޅޭއިރު ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތްތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ.
ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވާ ކަމަށާއި ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް، އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުން ވެސް އުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް ކަމަށެވެ.

ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒުގައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
"ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚުލާގީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށްވީ އެ މީހުންގެ ގައުމު މުޅިން ހަލާކުވެ ދިޔުން. އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލުކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ގައުމު ހެއްދެވުން. އެ މީހުން ކުޅަ ބަދުއަޚުލާގީ ޢަމަލުތަކުގެ ސަބަބުން އެ މީހުންގެ މައްޗަށް ގިނި ހިލައިގެ ވާރޭ ވެއްސަވައި އެ މީހުން ހަލާކުކުރެއްވުން،" ޚުތުބާގައި ހަނދާކޮށްދިނެވެ.
ޚުތުބާގައިވަނީ ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށްޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބުމަށް ގޮވާލާފައެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނިކުރުމަށާއި ކައިވެނިކުރަން ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ވަނީ ގޮވާލާފައެވެ.
ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތުވުމުގެ ކުރީން ތައުބާވުމަށާއި މާތް ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމާނުވަންތަ، ރަޙީމުވަންތަ ރަސްކަލާނގެ ކަމަށް ޚުބާގައި ވަނީ ބުނެފައެވެ.