ވިދިޔާއާއި މަދޫރީގެ ވަރުގަދަ ކުރިމަތިލުމެއް

މި އަހަރު ރިލީޒްކުރާ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭ ހިމެނޭ "ބޫލް ބުލައްޔާ 3"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި މަހު ފިލްމުގެ ޓީޒާއެއް އާއްމުކުރިއިރު ގިނަ ބަޔަކު އިންތިޒާރުކުރާ 'މަންޖުލިކާ'ގެ ރޯލުން ބަތަލާ ވިދްޔާ ބާލަން ފެންނާނެކަން ވަނީ ކަށަވަރުކޮށްދީފައެވެ. ހަމަ އެ ރޯލުން ބަތަލާ މަދޫރީ ޑިކްސިޓް ފެންނާނެކަން ފިލްމުގެ ޓްރެއިލާއިން ކަށަވަރުކޮށްދިނުމާ އެކު ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.

މިއީ ފިލްމު ބެލުމަށް ބެލުންތެރިން އިތުރަށް ޝައުގުވެރިކުރުވި ކަމެކެވެ.

ފިލްމު "ބޫލް ބުލައްޔާ 3"ގެ ރޯލަކުން ބަތަލާ މަދޫރީ ފެންނާނެކަމުގެ ޚަބަރުތައް މީގެ ކުރިން އެކި ނޫސްތަކުން ފެނުނު ނަމަވެސް ބަތަލާ ކުޅޭ ރޯލާ ބެހޭ މައުލޫމާތު މިހާތަނަށް ވަނީ ސިއްރުކުރެވިފައެވެ. ބަތަލާ ވިދިޔާއާ އެކު މަދޫރީގެ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުން ފެންނާނެކަން ޔަގީންވުމާ އެކު މިއީ ފިލްމު ބެލުމަށް ސިނަމާއަށް ޖަމާވާނެ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމު "ބޫލް ބުލައްޔާ 3"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ބަތަލާ މަދޫރީ ފިލްމީ ދާއިރާއަށް އެނބުރި އައި ނަމަވެސް މިހާތަނަށް ކުޅެފައިވަނީ ވަރަށް މަދު ފިލްމުތަކެކެވެ. ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2022ގައި އެމޭޒަން ޕްރައިމްއިން ގެނެސްދިން "މަޖާ މާ"އިންނެވެ.

ފިލްމު "ބޫލް ބުލައްޔާ 3" ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާތަކުގައި ދައްކާގޮތަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ޑައިރެކްޓަރު އަނީސް ބަޒްމީގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ.

comment ކޮމެންޓް