މުދައްރިސުންގެ ދުވަހުގެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ކަލާފާނު ސްކޫލުގެ ފަރާތުން "ތިންކް ގޭޓް"ގެ ނަމުގައި ދަރިވަރުންގެ ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ.
އެ ސްކޫލުން ބުނީ މިއީ ދަރިވަރުންގެ ޚިޔާލާއި ޝޫޢޫރުތައް މުދައްރިސުންނާ ހަމައަށް ފޯރުކޮށްދީ، ކުދިންގެ ތަޞައްވުރު ދެނެގަނެ، ސްކޫލްގެ ޢިލްމީ ކުރިމަގު އުޖާލާކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.
މި ފޯރަމް ހުޅުއްވައިދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަޙްމާން ވިދާޅުވީ މިފަދަގޮތަކަށް ފޯރަމެއް ބޭއްވުމަށް ވިސްނެވި މުހިންމު އެއް ސަބަބަކީ މުދައްރިސުންގެ ދުވަހަކީ ޢިލްމީ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހައްދަވަން ބޭނުންފުޅުވުމުން ކަމަށެވެ.
އަދި ދަރިވަރުންގެ މިފަދަ ފޯރަމެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރަކުމުގައި ވިޔަސް މިއީ ސިލްސިލާކޮށް ކަލާފާނުގައި ކުރިއަށް ދާނޭ ފޯރަމްތަކެއްކަމަށް ރަހްމާ ވަނީ ވިދާޅުވެފައެވެ.

މުދައްރިސުންގެ ދުވަސް ފާހަަގަކުރުމަށް ކަލާފާނު ސްކޫލުގައި ދަރިވަރުން ބޭއްވި ހާްއްސަ ފޯރަމުގެ ތެރެއިން --- ފޮޓޯ/ ކަލާފާނު ސްކޫލް
ރަހުމާ ވިދާޅުވީ ކުރިމަގުގައި މި ފޯރަމްތައް ފުޅާކުރެވި، މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް މިފަދަ ފޯރަމްތައް ބޭއްވިގެންދާނޭކަމަށެވެ.
ކޮންމެ ކީ ސްޓޭޖަކުން ފަސް ދަރިވަރުންގެ ޓީމަކުން މަޝްވަރާތައް ހުށަހެޅިގެން ދިޔަ މި ފޯރަމުގައި ޖުމުލަ 20 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި އެކިއެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތަކާއި ޚިޔާލުތައް ވނީ ހުށަހަޅައިދީފައެވެ.
އެގޮތުން ކީ ސްޓޭޖު އެކަކުން ދަރިވަރުންނަށް ދެވޭ ހޯމްވޯކް އަދި ސްކޫލްގެ ރީޑީން ޕްރޮގްރާމާ ގުޅޭ ގޮތުން އެކުދިންގެ ޚިޔާލުތަކާއި ކުރިމަގު ތަޞައްވަރު ހާމަކޮށް ހުށަހަޅައިދިން އިރު، ކީ ސްތޭޖް ދެއަކުން ވަނީ ސްކޫލް މާހައުލަކީ ފެހިފަހި މާހައުލަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އެކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ކުރިމަގު ތަޞައްވަރު ހާމަކޮށްދީފައެވެ.

މުދައްރިސުންގެ ދުވަސް ފާހަަގަކުރުމަށް ކަލާފާނު ސްކޫލުގައި ދަރިވަރުން ބޭއްވި ހާްއްސަ ފޯރަމުގެ ތެރެއިން --- ފޮޓޯ/ ކަލާފާނު ސްކޫލް
އަދި ކީސްޓޭޖް ތިނެއްގެ ދަރިވަރުން ވަނީ އިމްތިހާނުކުރުމާއި، ދަރިވަރުންގެ ޝައުގުވެރިކަމާއި ހުނަރު ތަރައްގީކުރުމާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ހުށަހެޅުންތަކެއް ހުށަހަޅައި، އެކުދިންގެ ޝުޢޫރު ހާމަކޮށްދީފައެވެ.
ކީ ސްޓޭޖް ހަތަރެއްގެ ދަރިވަރުންގެ ހުށަހެޅުން ބިނާކޮށްފައިވަނީ 21 ވަނަ ގަރުނުގެ ހުނަރުތަކާއި، ބަޑީ ލާރިން އަދި އުގަންނައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން ނެތުމުގެ ކަންބޮޑުވުމާ ގުޅޭ ވާހަކަތަކުގެ މައްޗަށެވެ.
ދަރިވަރުންގެ ކޮންމެ ހުށަހެޅުމަކަށްފަހު ޕެނަލިސްޓުންގެ ފަރާތުން ދަރިވަރުންގެ ވާހަކަތަކާ ގުޅެގޮތުން ޚިޔާލުފާޅުކޮށް ވާހަކަދައްކަވައި، ބައެއް ސުވާލުތައް ވެސް ވަނީ ކުރިމަތި ކުރުވާފައިވެއެވެ.
އަދި މުދައްރިސުންގެ ފަރާތުން ވެސް ޚިޔާލުތައް ފާޅުކޮށް އެކިއެކި ސުވާލުތައް ވެސް ވަނީ ކޮށްފައެވެ.

މުދައްރިސުންގެ ދުވަސް ފާހަަގަކުރުމަށް ކަލާފާނު ސްކޫލުގައި ދަރިވަރުން ބޭއްވި ހާްއްސަ ފޯރަމުގެ ތެރެއިން --- ފޮޓޯ/ ކަލާފާނު ސްކޫލް
އަދި މި ސުވާލުތަކަށް ދަރިވަރުން ވަނީ ވަރަށް ފުރިހަމައަށް ޖަވާބު ދީ ވާހަކަދައްކާފައެވެ.
ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކޮލިޓީ އެޝިޔުރެންސް ކޮންޓްރޯލާ، އެސިސްޓެންޓް ޕްރޮފެސަރު ޑރ. އާމިނަތު ޝިޔާމާއާއި އެ ޔުނިވަރސިޓީގެ އިންސްޓިޓިޔުޓް އޮފް ރިސާޗް އެންޑް ޑިވަލޮޕްމަންޓްގެ އެޑިޔުކޭޝަން ކޮންސަލްޓެންޓް ޑރ. ފާތުމަތު ޝަފީގާއެވެ.
ކަލާފާނު ސްކޫލުން ބުނީ މި ފޯރަމަކީ ވަރަށް ކަމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ފޯރަމެއް ކަމަށެވެ. ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދިޔަ މި ފޯރަމުން ސްކޫލްގެ ކުރިމަގު ބައްޓަން ކުރުމަށް ބިނާކުރަނިވި ޚިޔާލުތަކެއް ލިބިގެން ދިޔަކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.