ޔުނިސެފުން ޒުވާނުންނާއެކު ކޮޕްގެ ނަމޫނާ ބައްދަލުވުމެއް ބާއްވައިފި

ކޮޕް ސަމިޓުގެ މޮޑެލް ބައްދަލުވުމެއް ބޭއްވުން. މި ޕްރޮގްރާމުގައި 26 ޒުވާނަކު ވަނީ ބައިވެރިވެފައި -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ޔުނިސެފާއި، އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން "ޔޫތު ޓްރެކް ޓު ކޮޕް29" ޕްރޮގްރާމްގެ ހަތަރުވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ކޮޕް ސަމިޓުގެ މޮޑެލް ބައްދަލުވުމެއް ވެސް ބޭއްވި މި ޕްރޮގްރާމުގައި 26 ޒުވާނަކު ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ މައުލޫމާތު ދެމުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ޒުވާނުން މައިގަނޑު ގޮތެއްގައި ގޮވައިލީ މޫސުމީ ބަދަލުތަކުގެ ނުރައްކަލުން ކުޑަކުދިންނާއި މުޖުތަމައުތައް ރައްކާތެރިކޮށްދިނުމަށެވެ.

އަދި މޫސުމާއި ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގެ މަޝްވަރާތަކުގައި ޒުވާނުން ބައިވެރިކުރުމަށް ވެސް ގައުމުގެ ލީޑަރުންނާއި، ބައިނަލްއަގްވާމީ ލީޑަރުންނަށް ގޮވައިލިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިވެރިންނާ ވާހަަކަދައްކަވަމުން މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ ރާއްޖެއަކީ މޫސުމީ ބަދަލުތަކަށް ކުރާ އަސަރުތަކުގައި އެންމެ ކުޑަ މިންވަރަކަށް އެ ކަމުގައި ހިއްސާވާ ގައުުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ.

ނަމަވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އެންމެ ބޮޑަށް ތަހައްމަލުކުރާ ބަޔަކީ ރާއްޖޭގެ ކުޑަކުދިންނާއި ޒުވާނުން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ކުދިންގެ ސިއްހަތާއި، ތައުލީމާއި، ރައްކާތެރިކަމާއި މުސްތަގްބަލު ވެސް ނުރައްކަލަށް ހުށަހެޅޭކަމަށް ވިދާޅުވިއެވެ.

އެއާއެކު މި ޕްރޮގްރާމަކީ ހަމައެކަނި އިވެންޓެއް ނޫންކަމަށާއި މިއީ ޒުވާނުންގެ އަޑު އިއްވަން އޮތް ބާރުގަދަ މަންސައެއް ކަމަށް ވިދާޅުވިއެވެ.

"މިއީ މި ޒުވާން ލީޑަރުން ހަމައެކަނި ބާރުވެރިކޮށް، އެ މީހުންގެ އަޑު އިއްވާކަށްނޫން، މި ކަމަށް އޮތް ހައްލު ހޯދުމުގައި އިސްކޮށް ބައިވެރިވުމަށް ދެވޭ ފުރުސަތެއް،" ތާރިގު ވިދާޅުވިއެވެ.

މީގެ އިތުރުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީ ވެސް ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.

އަދި މި ޕްރޮގްރާމުގައި މިއަދު ބައިވެރިވި ބައިވެރިންނަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް މަދުކުރަން މަސައްކަތްކުރާ 'ކްލައިމެޓް ގާޑިއަން' އަކަށް ވުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

comment ކޮމެންޓް