އާ އުސޫލަކާއެކު އުމްރާއަށް ގެންދަން ހުއްދައަށް ކޮންމެއިރަކު އެދެވޭނެ

ޙައްޖުވެރިންތަކެއް ފުރަން އެއާޕޯޓުގައި: -- ފައިލް ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އުމްރާއަށް ގެންދާ ޖަމާތްތަކަށް ހުއްދަ ހޯދުމަށް ގިނަ ފަސޭހަތަކަކާއި އެކު އިސްލާމިކް މިނިސްޓްރީއިން އުމްރާ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެ އުސޫލުގައި ގިނަ ފަސޭހަތަކެއް ލިބޭނެހެން ގަވައިދުތަކަށް ބަދަލުވަނީ ގެނެސްފައެވެ.

އެކަމުގެ ތަފްސީލް ހިއްސާކުރަމުން މިނިސްޓްރީން ބުނީ އުމްރާއަކީ ވަކި ދުވަސްވަރަކު ކުރަންޖެހޭ އަޅުކަމަކަށް ނުވާތީ އަހަރުގެ އެކި ހިސާބުތަކުގައި އުމްރާ ދަތުރުތައް ކުރާ މިންވަރު އިތުރުވެފައިވުމުން މިހާރުގެ އުސޫލާއެކު ހުއްދަ ދިނުން އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެކުރިން އަހަރަކު ދެފަހަރު ދޫކުރާ ހުއްދައަށް މިހާރުގެ އުސޫލަށް ގެނެވުނު ބަދަލުގެ ދަށުން ކޮންމެ އިރެއްގައި ވެސް އެދެވޭނެއެވެ.

މިނިސްޓްރީއިން ބުނީ އެކި ސަބަބުތަކާއި ހުރެ މީގެ ކުރީން ކުންފުނިތަކަށް ހުއްދަ ދޫކުރެވިފައި ހުރީ އެކި ތާރީޚުތަކުގައި ކަމަށެވެ.

އެހެންކަމުން އަހަރަކު ދެފަހަރު އިއުލާނުކުރާތީ ބައެއް ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު ހަމަވި ނަމަވެސް އިއުލާނު ކުރަންދެން ހުއްދަ ނުނަގައި މަޑުކުރަން ޖެހެއެވެ.

އަދި މީގެކުރީން ދެ ފަހަރު އިއުލާނުކުރާތީ އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އިވެލުއޭޓް ކުރަން ޖެހެނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިކަން މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ދެން ޕްރޮޕޯސަލްތައް އަންނަ ވަރަކުން ބަލަމުން ދާނެކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ވަނީ މީގެ ކުރީން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހެނީ ވަކި ސުންގަޑިއެއްގައި ކަމަށާއި އަދި ޕްރޮޕޯސަލްގައި މައްސަލަ ދިމާވާ ކުންފުނިތަކަށް ހުއްދަ ނުލިބި ފުރުސަތު ގެއްލިގެން ދާ ކަން ވެސް ފާހަގަކޮށްފައެވެ.

ނަމަވެސް މިހާރު ޕްރޮޕޯސަލް ރަނގަޅު ކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި މައްސަލަ އުޅޭ ޑޮކިއުމެންޓް ރަނގަޅު ކުރުމަށްފަހު ވަކިން ފޮނުވޭނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކުރީގެ އުސޫލުގައި ވާގޮތުންނަމަ އައު ޕްރޮޕޯސަލެއް ހުށަހަޅާނަމަ ކޮންމެ ފަހަރަކު 20،000 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މިހާރުގެ އުސޫލުގައި ވާގޮތުންނަމަ 20،000 ރުފިޔާ ދައްކަން ޖެހޭނީ އަލަށް ހުއްދަ ނަގާކަމުގައިވާނަމައެވެ. ހުއްދަ އާކުރާނަމަ ދައްކަން ޖެހޭނީ 15،000 ރުފިޔާއެވެ.

ހަމައެއާއެކު އުސޫލުން ހުއްދަ ނުނަގާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ގިނަ ބަޔަކު އުމްރާއަށް އެކި ދުވަސްވަރުގެ މަތިން ދެއެވެ. އޭގެ ތެރޭގައި ސްކޫލު ޗުއްޓީ ދުވަސްވަރާއި ރޯދަ މަހުގެ އުމްރާ ދަތުރުތައް ހިމެނެއެވެ.

comment ކޮމެންޓް