ވަޒީފާގެ މާހައުލުން ހާސްކަމާއި މޮޅިވެރިކަން؛ އަރައިގަންނާނީ ކިހިނެއް؟

މަސައްކަތް މާ ގިނަވީމާ ވެސް، މަސައްކަތް މާ ބުރަ ވީމާ ވެސް، އެ ކަމުގައި ހޭދަކުރަން ޖެހޭ ވަގުތު ގިނަ ވީމާ ވެސް މީހާ ހާސްކޮށްލައެވެ. މަސައްކަތުގެ މާހައުލުން ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރަކީ ކޮންމެ މީހަކު ވެސް ކޮންމެ ވެސް ހިސާބަކުން ކުރިމަތިލާން ޖެހޭ ކަންކަމެވެ.

ދިރިއުޅުމުގެ ހުރިހާ ކަމަކަށް އެކަމުގެ އަސަރުކުރެއެވެ. ދެން ހުރި ހުރިހާ ކަމެއް ބޮއްސުންލައެވެ. ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރާއިރު މި ވާހަކަދައްކަން މުހިންމުވަނީ އެހެންވެއެވެ.

ވަޒީފާގެ މާހައުލުގައި އެކި މީހުންނަށް ކުރިމަތިލާން މި ޖެހެނީ ތަފާތު ކަންކަމާއެވެ. ފުރައްސާރައާއި ގަނާކުރުން ހިމެނެއެވެ. އެކަމުގެ ބިޔަ ރާޅުތައް ކަޑައްތުކުރާނެ ގޮތްތައް އެނގެންޖެހެއެވެ. އަމާން ކަމަށް ވާސިލުވާން ދަސްކުރަންޖެހެއެވެ.

ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރަނީ ކީއްވެ؟

ނަފުސާނީ ދުޅަހެޔޮ ކަމަކީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. މަސައްކަތުގެ މާހައުލުގައި އާންމުކޮށް އަށް ގަޑިއިރު ނުތަވަ އެއަށް ވުރެ ގިނަ ވަގުތު ހޭދަކުރެއެވެ. އެހެން ކަމަށްވާނަމަ އެ މާހައުލުގައި މަސައްކަތްކުރާނެ އުފާވެރިކަން ހުންނަން ޖެހެއެވެ. ނޫނީ، އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ.

ސިކުނޑި ބުރަހެލިވެ، މަސައްކަތް ކުރާ ހިތް ކެނޑެއެވެ. އެކުރާ މަސައްކަތެއްގެ ކޮލިޓީ ދަށްވާން މެދުވެރިވެއެވެ.

މަސައްކަތުގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުތައް ކުރިމަތިވަނީ އެކި މީހުންނަށް އެކި ގޮތަށެވެ. އެއްބައި ފަހަރަށް އެކަން ކުރިމަތިވަނީ ނަފުސުގައި ހުންނަ ބަލިކަމެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި، އިޖުތިމާއީ ކަމެެއް ނުވަތަ ސްޓެރެސްވުން ފަދަ ބަލިތައް ހިމެނެއެވެ. ނުވަތަ އެ މާހައުލުގައި ކުރިމަތިވާ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

ތެރަޕީ ސެންޓަރުގެ ޗީފް ސައިކޮލޮޖިސްޓު ޢާއިޒް އަޙްމަދު ރަޝީދު: މަސައްކަތުގެ މާހައުލުގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ބައިވަރު ކަންތައް ހުންނަ ކަމަށް ވިދާޅުވި --- ސަން ފޮޓޯ

އިގުތިޞާދީ ހާލަތު ދަށްވާ މިންވަރަކަށް ވަޒީފާތަކުގައި މަސައްކަތްތައް ގިނަ ކުރަން މަޖުބޫރުވެއެވެ. އެކަމުގެ ސަބަބުން ޕްރެޝަރާ ކުރިމަތިވާން ޖެހޭ މިންވަރު އިތުރުވެއެވެ. މުވައްޒަފުންނަށް ޖެހެނީ މަސައްކަތްތައް ނުނިންމިގެން ގަނަ ތެޅޭށެވެ.

ތެރަޕީ ސެންޓަރުގެ ޗީފް ސައިކޮލޮޖިސްޓް ޢާއިޒް އަޙްމަދު ރަޝީދު ވިދާޅުވި ގޮތުގައި، އިގުތިޞާދީ ހާލަތު ދަށްވުމުން ބައެއް ފަހަރަށް ވަޒީފާތަކަށް މުވައްޒަފުން މަދުކުރެއެވެ. ގިނަ މަސައްކަތްތަކެއްގެ ބުރަ ޒިންމާ ކޮނޑުގައި އަޅަން ޖެހެނީ ވަޒީފާގައި ބާކި ތިބޭ މުވައްޒަފުންނެވެ. އެ ކަމަކީ ވެސް ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ކަމެކެވެ.

"މުވައްޒަފުން ނުވަތަ ދޭދޭ ފަރުދުންގެ ދޭތެރޭގައި މި އޮންނަ ގުޅުމަށް ކުރާ އަސަރުތަކާއި އެ ޖެހޭ މައްސަލަތަކާއި އެ މައްސަލަތަކަށް ވަޒީފާ ދޭ ފަރާތުން ރެސްޕޯންޑު ކުރާ ނޫނީ އެ މައްސަލަތައް ހައްލުކުރަން ވަޒީފާދޭ ފަރާތުން މަސައްކަތްކުރާ ގޮތް ވެސް މިއީ މީހާގެ ނަފުސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ކަންތައްތައް" ޢާއިޒް އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

ނަފުސާނީ ސިއްހަތަށް ގެއްލުންވީމާ ވަނީ ކިހިނެއް؟

ނަފުސާނީ ދުޅަހެޔޮކަން ގެއްލުމުން، ގިނަ މީހުންނަށް އެކަން ރަނގަޅު ކުރާނެ ގޮތްތައް ނޭނގޭ ފަހަރު އާދެއެވެ. އެ ދުޅަހެޔޮކަން ގެއްލުމުން ހުރިހާ ކަމަކަށް އޭގެ އަސަރު ކޮންމެ ވެސް މިންވަރަކަށް ފޯރާނެއެވެ.

މަގުމަތި: ނަފުސާނީ ސިއްހަތަށް ރައްކާތެރިވުމަކީ މުހިންމު ކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިލަކޮށް ބުނާނަމަ، ހަމައެކަނި ވަޒީފާއަށް ހުސްވެ، އާއިލާއަށް ނުވަތަ ރައްޓެހިންނަށް ވަގުތު ނުދެވޭ ނަމަ ދުޅަހެޔޮކަމަށް އަސަރުކުރާ ތަން އާދެއެވެ. މުޅިން ބޯ ހާސްވެ، ބޮލަށް ބަރުވެއެވެ. ނިދި މަދުވުމާއި ބޮލުގައި ރިހުން އިތުރުވާން ދިމާވެއެވެ. މިއަށް ވުރެ ގޯސްވާ ހާލަށް ވެސް ދެއެވެ. ޕެނިކް އެޓޭކް ޖެހުން ފަދަ ކަންކަން ކުރިމަތިވެއެވެ.

އާއިޒް ވިދާޅުވި ގޮތުގައި، ކުރިން ނުވާ އުނދަގޫތަކެއް ނުވަތަ ބަދަލުތަކެއް އަންނަ ނަމަ އަމިއްލައަށް ނަފުސާނީ މައްސަލައެއް ކުރިމަތިވާކަން ފާހަގަކުރެވޭނެއެވެ.

"އެހެން މީހުންނަށް ފާހަގަކުރެވިދާނެ ވަރަށް ޗިއާފުލްކޮށް [އުފާވެރިކަން މަތީ] ހުންނަ މީހަކު ވަރަށް ރުންކުރުކޮށޭ މިހާރު ހުންނަނީ. ނޫނިއްޔާ މީހުންނާ މާ ބޮޑަށް ވާހަކަދައްކާ ހަދާކަށް ބޭނުމެއްނުވޭ. މަސައްކަތުގެ ކޮލިޓީއަށް ވެސް އެބަ އަސަރުކުރޭ،" އޭނާ ކިޔައިދިނެވެ.

"ގިނަ ފަހަރު މިކަހަލަ ކަންތައް ކުރިމަތިވީމަ މަސައްކަތުގެ މާހައުލުގައި ވެސް އަޅުގަނޑުމެނަށް ރިއެކްޓުކުރެވެނީ މި ގޯސްކޮށް. އެކަމަކު، އެއީ އެ މީހާއަށް އެންމެ ބޮޑަށް އެންޕަތީއާއި އެ ކޮންސިޑަރޭޝަންއާ ހުރިހާ އެއްޗެއް އެންމެ މުހިންމުވާ ވަގުތު،"

ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުމުން ގިނަ ބަދަލުތަކެއް ކުރިމަތިވޭ -----

ދެނެގަނެ، އަރައިގަންނަން ހަދާނީ ކިހިނެއް؟

ނަފުސާނީ ކަންތައްތައް ތަހަންމަލުކުރަން ޖެހޭ މީހުން ގިނައެވެ. ނަމަވެސް، އެކަމުން ސަލަމާތްވާން ނުވަތަ ބަލި ދެނެގަންނަން ހަދަންވީ ގޮތްތަކެއް ނޭނގެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، އެންމެ މުހިންމު އެއް ކަމަކީ އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ހުސްކުރުމެވެ. އެ ދުވަހަކު ރަނގަޅަށް ކުރެވެނީ ކޮން ކަމެއްތޯ ބެލުމެވެ. އަދި، އޭގެ އިދިކޮޅަށް ވެސް ބަލަންވާނެއެވެ. އޭރަށް ނަފުސަށް އިތުރު ބަދަލުތަކެއް އަންނަ ކަމަށްވާނަމަ އަމިއްލައަށް ދެނެގަނެވޭނެއެވެ. ބޭނުންނަމަ، އަވަހަށް އެ ކަމަށް ޚާއްސަ މާހިރެއްގެ ލަފާ ވެސް ހޯދިދާނެއެވެ.

މީހާގެ ސިކުނޑިއަށް އަރާމު ވެސް ބޭނުންވެއެވެ. ކުރު ގޮތަކަށް ބުނާނަމަ، މަސައްކަތުގެ ކޮށިން ނުކުމެ، ތާޒާކަމުގެ ނޭވާ ކޮންމެ މީހެއްގެ ސިކުނޑިއަށް ބޭނުންވެއެވެ. އުފާ ކަންކަމަށް ވަގުތު ހުސްކުރަން ޖެހެއެވެ. އާއިލާއާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރަން ޖެހެއެވެ.

މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެނުއަލް ލީވްގެ ގޮތުގައި ލިބޭ ދުވަސްތައް އެބަޖެހޭ ހަމަ އެއްކޮށް ނަގަން. އެއީ، އެއްވެސް ވަރަކަށް ދޫކޮށްލެވިގެންވާނެ އެއްޗެއް ނޫން،" ޗުއްޓީގެ މުހިންމުކަން ފާހަގަކޮށް، ޢާއިޒް ވިދާޅުވިއެވެ.

"އެނުއަލް ލީވް ކޮންސެޕްޓް އައިސްފައި ވެސް މި އިންނަނީ އެ ފަރުމާކުރި މީހުންނަށް ވެސް އެނގިގެން. މުޅި އަހަރު މަސައްކަތްކުރާއިރު މީހާއަށް އެބަ ބޭނުންވޭ ގާތްގަނޑަކަށް 30 ވަރަކަށް ދުވަސް ރެސްޓުކޮށްލަން،"

ވަޒީފާ ދޭ ފަރާތްތަކުން ވެސް މި ފަދަ މައްސަލަތަކަށް ވިސްނާލުން މުހިންމެވެ. މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަކީ އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ވެސް އަސަރުކުރާނެ ކަމެކެވެ. އެއީ، މުވައްޒަފުންނެކޭ އެއްގޮތަށް ވަޒީފާ ދޭ މީހާއަށް ވެސް މުހިންމު ކަމެކެވެ.

ކޮންމެ މީހެެއްގެ ވެސް ނަފުސާނީ ދުޅަހެޔޮކަމަކީ އެ މީހެއްގެ ދިރިހުރުމުގެ މޭވައެވެ. ގަހަށް ކާނާދީގެން ބޮޑުކުރާ އުސޫލުން، ނަފުސާނީ ދުޅަހެޔޮކަން ދަމަހައްޓަން ވެސް ސިކުނޑިއަށް އަރާމު ބޭނުންވެއެވެ. ހިނިތުންވުން ބޭނުންވެއެވެ.

comment ކޮމެންޓް