އިންޑިއާ ކަނޑު ސަރަހައްދުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް

ޖޯލި ބީންގް ރިސޯޓް: އެ ރިސޯޓަށް ވަނީ އިންޑިއަން އޯޝަންގެ ބެސްޓް ވެލްނެސް ރިޓްރީޓް އަދި، މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް ކެޓެގަރީން އެވޯޑު ލިބިފައި --- ފޮޓޯ/ އޭޝިއާ އޮޑިއްސޭ ޓެރެވަލް

ދިހަ ވަނަ ވޯލްޑް ސްޕާ އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ ޝަރަފުވެރި އެވޯޑް ރާއްޖޭން ކާމިޔާބުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ އެ އެވޯޑު ލިބުމަކީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބުނު އިތުރު ޝަރަފެއް ކަމަށެވެ.

މިއީ ރާއްޖެއިން ލިބޭ ސްޕާ އަދި ވެލްނެސްގެ އާ އުފެންދުންތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމާއި ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ނަތީޖާކަން އެމްއެމްޕީއާރުސީން ފާހަގަކޮށްފައިވެއެވެ.

ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި ރިސޯޓް: އެ ރިސޯޓަށް ވަނީ މިއަހަރުގެ މޯލްޑިވްސް ބެސްޓް ރިސޯޓް ސްޕާ އެވޯޑު ލިބިފައި --- ފޮޓޯ/ ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި

ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ ތިން ކެޓެގަރީއަކުން އެވޯޑުތައް ލިބިފައެވެ.

  • އިންޑިއަން އޯޝަންގެ ބެސްޓް ވެލްނެސް ރިޓްރީޓް އަދި، މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024: ޖޯލި ބީންގް
  • މޯލްޑިވްސްގެ ބެސްޓް ރިސޯޓް ސްޕާ 2024: ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި

މި އަހަރަކީ ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ ދާއިރާ ފާހަގަކޮށް، ވޯލްޑް ސްޕާ އެވޯޑްސްއިން އެވޯޑުދޭ 10ވަނަ އަހަރެވެ.

ވޯލްޑް ސްޕާ އެވޯޑްސްގައި އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދިވެހިރާއްޖެއަށް ވޯޓު ދިން ހުރިހާ ފަތުރުވެރިންނަށް ޝުކުރު ހައްގު. މި އެވޯޑުތަކަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިދޭ ޚާއްޞަ ސްޕާ އަދި ވެލްނެސް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކައް ލިބުނު އިތުރު ހިތްވަރެއްއެމްއެމްޕީއާރުސީ

މި އެވޯޑްތަކަކީ ދުނިޔޭގެ އެންމެ ތަފާތު އަދި ޚާއްސަ މަންޒިލްތަކަށް ފަތުރުވެރިންގެ ވޯޓުން ލިބޭ އެވޯޑްތަކެއް ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މީގެއިތުރުން، އެމްއެމްޕީއާރުސީން ބުނީ، ވޯލްޑް ސްޕާ އެވޯޑްސްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތައް ގެންގުޅުމަށް ހިތްވަރު ދިނުމާއި ސްޕާ އަދި ވެލްނެސް ފަތުރުވެރިކަމުގެ އެންމެ މޮޅު ޚިދުމަތްތެރިންނާ ސްޕާ ފަތުރުވެރިކަމަށް ލޯބިކުރާ ކަސްޓަމަރުންނާ ގުޅުވާލުން ކަމަށެވެ.

comment ކޮމެންޓް