މަގުބޫލު މިއުޒިކް ގްރޫޕް ކޯލްޑްޕްލޭގެ އިންޑިއާ ކޮންސާޓްގެ ޓިކެޓުތައް ގަނެ އެތައް ހާސް ޑޮލަރަށް އަގުބޮޑުކޮށް ވިއްކާ މައްސަލަ ހޫނުވެއްޖެއެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑްޕްލޭއަކީ ވަރަށް މަގުބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. އެގޮތުން، އިންޑިއާގައި ވެސް މި ބޭންޑަކީ ވަރަށް ބޮޑު ފޭން ބޭސް އެއް އޮންނަ ބޭންޑެކެވެ. އެކަން އެނގިގެން ގޮސްފައިވަނީ 2016 ވަނަ އަހަރު ކޯލްޑްޕްލޭ ބޭއްވި ހައުސްފުލް ޝޯއާ އެކުގައެވެ. އެއަށް ފަހު ބޭންޑު އިންޑިއާގައި ޕަފޯމް ކުރުމަށް އެދި އެތައް ބަޔަކު އެދިފައިވެއެވެ. އަދި، އެންމެ ފަހުން ބޭންޑު ޕަފޯމްކުރަން މި އޮތީ ނިންމާފައެވެ.
އަންނަ ޖެނުއަރީ މަހުގައި އިންޑިއާގެ މުމްބާއީގައި ކޯލްޑްޕްލޭ ޕަފޯމް ކުރުމަށް ހަމަޖެހިފައިވާއިރު މިދިޔަ ހަފުތާ ބަންދުގައި ވަނީ ޓިކެޓުތައް ގަތުމަށް ހުޅުވާލާފައެވެ. މި ހުރިހާ ޓިކެޓުތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވިކި ހުސްވިއިރު، އެއްބައި މީހުން ވަނީ މި ޓިކެޓުތައް ވަގުތުން ކަޅު ބާޒާރަށް ލާފައެވެ.
ޓިކެޓު ނުލިބި ޝޯ ބަލަން ބޭނުންވި ފޭނުން ޖެހުނީ މި ޓިކެޓުތައް ހޯދަން އިތުރު ގޮތްތައް ހޯދާށެވެ. ނަމަވެސް، މި ޓިކެޓުތައް ހުރީ އަތް ފޯރާ ފަށަކު ނޫނެވެ.
ކޯލްޑްޕްލޭގެ ޓިކެޓުތައް ވިއްކާފައިވަނީ އިންޑިއާގެ ޓިކެޓިން ޕްލެޓްފޯމެއް ކަމަށްވާ "ބައި މައި ޓިކެޓް" އިންނެވެ. މި ޓިކެޓުތަކުގެ އަގުތައް ހުރީ 30 ޑޮލަރާއި 400 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް، އެއްބައި މީހުން ގިނަ އަދަދަކަށް ޓިކެޓު ގަނެ އެ ވިއްކަން ފެށީ އިތުރަށް އަތް ނުފޯރާ ފަށުންނެވެ.
ބައެއް ޓިކެޓުތަކުގެ އަގުތައް ހުރީ 11,000 ޑޮލަރުން މައްޗަށް އަރާފައެވެ. މި މައްސަލަ ހޫނުވެ، އިންޑިއާގެ އެތައް ފޭނުން ވަނީ ސޯޝަލް މީޑިއާއަށް މައްސަލަ ވެސް ގެންގޮސްފައެވެ. އަދި، ޓިކެޓު ދިނުމުގައި މަކަރާއި އޮޅުވާލުން ހުރި ކަމަށް ބުނެ، ބައެއް މީހުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
އެ މީހުން ބުނާ ގޮތުގައި ބައި މައި ޓިކެޓު ހިންގާ ފަރާތްތަކުން ވަނީ ފައިދާއެއް ލިބޭ ގޮތަށް އެކި މީހުންނަށް ޓިކެޓުތައް ކުރީން ވިއްކާފައެވެ. މި ކަމާ ގުޅިގެން ކަޅު ބާޒާރަށް މި ޓިކެޓުތައް ދާން މަގުފަހިވި ކަމަށް ވަނީ އެ މީހުން ބުނެފައެވެ. މި ކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.