ދަނޑުވެރިކަމުގެ ސިނާއަތުގައި ބޭނުން ކުރުމަށް ޚާއްސަކޮށް "އެގްރި ބޯޓް" މިއަދު އިފުތިތާހު ކޮށްފިއެވެ.
އެކަަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބޯޓު އިފުތިތާހުކޮށްދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މި ބޯޓާ ގުޅުވައި މިނިސްޓަރު 'ސަން'އަށް ވިދާޅުވީ، ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް އެއް ތަނުން އަނެއް ތަނަށް ތާޒާ ކަމާއެކު ގެންދިޔުމަށް މި ބޯޓުގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ. އަދި މިއީ ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގްރި ބޯޓު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަމަން ލަތީފް
މިކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި ދަނޑުވެރިކަން ބޭނުންކޮށްގެން ޚިދުމަތްދޭ އެހެނިހެން ދާއިރާތަކަށް ކުރިއެރުންތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެއިތުރުން، ބޯޓު ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ކަމަށާއި ޚަރަދު ކުޑަކޮށް ދަތުރުކުރެވޭ ކަހަލަ ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އެގްރި ބޯޓު ޚާއްސަކޮށްފައިވަނީ ދަނޑުވެރިކަމުގެ ސިނާއަތަށް ކަމަށްވާއިރު، މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން އުފައްދާފައިވާ ބޯޓެކެވެ.

މިނިސްޓަރު އާދަމް ޝަރީފް: ދަނޑުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށް އެގްރި ބޯޓް އިފްތިތާހުކޮށްފި --- ސަން ފޮޓޯ/ އަމަން ލަތީފް
އެގޮތުން، މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާ ކުރެވޭނެ ތަންތަނާއި ސޯލާ ޕަވާ އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި ކްރޫއަށް އަރާމުކޮށްލަން ތިބެވޭހެން ކޮޓަރިތައް ގާއިމުކޮށްފައިވެއެވެ.
މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ލ. އަތޮޅުގެ ރަށްތަކުން މާލެއަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ބޯޓު ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށްވާއިރު، މި މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާ އެގްރިކަލް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ.