ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މިރޭ ވެސް މުޅިރާއްޖެއަށް ހުދު ސަމާލު

މޫސުން ގޯސްވުން: ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މިރޭ ވެސް މުޅިރާއްޖެއަށް ހުދު ސަމާލު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މިރޭ ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ 18:00 އިން މެންދަމު 12:00އާ ހަމައަށެވެ. މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައި ޖެހެނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަނދަވާނެ ކަމަށެވެ.

ހުރިހާ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އޭގެއިތުރުން، މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރޭ ދަންވަރު 1:30 އިން ހެނދުނު 7:30 އަށް ވެސް ހުދު ސަމާލު ނެރުނެވެ.

ބޯ ވިއްސާރަޔާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވުން: ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މިރޭ ވެސް މުޅިރާއްޖެއަށް ހުދު ސަމާލު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޓުން ބުނީ، މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް އުތުރާއި މެދު ރާއްޖެތެރެއަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނެެއްގައި ކަމަށާއި ދެކުނަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލު ބާރުމިނުގައި ކަމަށެވެ. އަދި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން، އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސް މިން ހުންނާނީ ހަތަރު ފޫޓާއި އަށް ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ދަތުރަށް ފުރުމުގެ ކުރީން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި:

  • މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެފައި ވޭތޯ ޔަގީންކުރުން
  • އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ ގިނައިން މީހުން ނޭރުވުން
  • އުޅަނދަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުނުކުރުން
  • އެމަޖެންސީއެއްގައި ގުޅަންވީ ނަމްބަރުތައް ފެންނާނެހެން އުޅަނދުގައި ހަރުކޮށްފައި ބެހެެއްޓުން
  • ދަތުރުގެ މެނިފެސްޓް އުޅަނދުގެ ވެރިފަރާތައް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތައް ހިއްސާކުރުން
comment ކޮމެންޓް