އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ބުނެފިއެވެ.
މެޓުން ބުނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި މެދުރާއްޖެ ތެރޭގެ, އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެ ތެރޭގެ, އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ލަފާ ކުރެއެވެ.
މެޓުން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
އެހެންކަމުން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަަމަށާއި އެހެން ހިސާބުތަކަށް ވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިހާރު ކުރާ ވިއްސާރާގައި އިއްޔެ ށ. ނަރުދޫއަށް އުދައެރިކަމުގެ ރިޕޯޓުލިބިފައި ވާކަމަށާއި ނަމަވެސް އެއްވެސް ގެއަކަށް ނުވަތަ ތަކެއްޗަކަށް ގެއްލުންލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެންޑީއެމްއޭއިން ބުނީ މާލޭގެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައި ވާކަމަށެވެ. ނަމަވެސް އެއްވެސް ގެޔަކަށް ފެންވަދެގެން ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަންނަ އާދިއްތަ ދުވަހަކީ ޗުއްޓީއަކަށް ފަހު ސްކޫލުތައް ހުޅުވާ ދުވަހެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަތޮޅުތެރެއާއި މާލެއާ ދެމެދު ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރާނެއެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސްކުރެއެވެ.