ލ. މާވަށަށް އިއްޔެ 24 ގަޑިއިރު ތެރޭގައި 107.7 މިލިމީޓަރުގެ ވާރޭވެހިފައި ވާއިރު އެ ރަށުގެ ކައުންސިލުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލުހޯދައިފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ނިމިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ލ. މާވަށަށެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު މޫސާ މިއަދު ވިދާޅުވީ މާވަށަކީ ކުޑަކޮށް ވާރޭވެހިލާއިރަށް ރަށުގައި ފެން ބޮޑުވެ ގޯތިގެދޮރަށް ފެން ވަދެ މުދަލަށް ގެއްލުންވާ ރަށެއް ކަމަށެވެ. ނަމަވެސް މިހާރު އެ ކައުންސިލުން ވަނީ ރަށު ތެރޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާފައިކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށު ކައުންސިލުން މި މައްސަލަ ހައްލު ކޮށްފައިވަނީ ރަށުގައި އެންމެ ބޮޑަށް ފެން ހެދޭ ސަރަހައްދުން މޫދަށް ފެންގަނޑު ދާނެހެން ހޮޅިތަކެއް ވަޅުލައިގެންނެވެ. އެ ހޮޅިތައް ވަޅުލާފައިވަނީ މޫދާ ދިމާލަށް ތިރިއަށްވާ ގޮތަށެވެ. އެހެންކަމުން ޕަންޕެއް ބޭނުން ނުކޮށް ފެންގަނޑު މޫދަށް ފައިބައިގެން ދެއެވެ.
މިހާރު ފެން ބޮޑުވާ 11 ސަރަހައްދެއް ސާވޭކޮށް އެ 11 ސަރަހައްދުގައި ކާނުތައް ހަދައި ހޮޅިއަޅާފައިވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ. އަދި އިއްޔެ ވެހުން ވާރޭގައި ހެދުނު ފެންގަނޑު ހިއްކަން އެ ހޮޅިތައް ބޭނުން ކުރުމުން އެކަން ވަރަށް ކާމިޔާބުވި ކަމަށް އަޙްމަދު ވިދާޅުވިއެވެ.
"މި ހޮޅިތައް ހުންނާނީ ވަރަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ވާރެވެހެން ފެށީމަ ކެޕްތައް ނެގޭގޮތަށް," އަޙްމަދު ވިދާޅުވިއެވެ.
މި ގެނެވުނު ބަދަލާއެކު މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ރަށުގައި ފެން ބޮޑު ނުވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ. އަދި ފެންގަނޑު ހިންދަން ޕަންޕު ބޭނުން ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެކަމަށް ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތްތަނުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެފައިވާތީ އެކަމަށްވެސް ތައްޔާރައް ތިބިކަމަށް އަހްމަދު ވިދާޅުވިއެވެ.
"ބައެއް ރަށްރަށުގަ އެބަހުރި ކޯރު ކަޑާފަ، ކޯރު ކެޑުމަކީ އަސްލު ވަރަށް ގެއްލުންހުރި ކަމެށް އަޅުގަނޑުގެ ނަޒަރުގައި. އެއީ ކޯރުކަޑާލީމަ ވަރަށް ގިނަ ވެލިތަކެއް ފައިބައިގެންދޭ އަލުން އަނބުރާ ބައްދަންވެސް އަޅުގަނޑުމެންނަށް ވެއްޔެ ނުލިބޭ. އެހެންކަމުން ކޯރު ކެޑުމުގެ ބަދަލުގައި ކޯރުކަނޑާ ސަރަހައްދުގައި އާއްމު އުސޫލަކުން މި ދަންނަވާގޮތަށް ހޮޅި އަޅާފަ މޫދަށް އަޅާފަހުރި ކަމަށް ވެއްޖެއްޔާ އެއީ ދާއިމީ ހައްލަކަށް ވެގެންދާނެ". އަޙްމަދު ވިދާޅުވިއެވެ.
ފެންބޮޑު ވުމަކީ ރާއްޖޭގެ ގިނަ ރަށްތަކަކާއި ވެރިކަން ކުރާ މާލެއަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއަކަށް ފެންވަދެ ވަރަށް ބޮޑެތި ގެއްލުންތަކެއް މި ފަހުން ވެސް ލިބިފައި އެބަހުއްޓެވެ.