ރާއްޖޭގައި ހިންގާ ސައިބަ ކްރައިމްތައް ވަރަށް ގިނަ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެ ކުށްތައް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ރައޫފުއްދީން ސައީދު ވިދާޅުވީ ސައިބަ ކްރައިމް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އޭގެ ތެރެއިން ސޯޝަލް މީޑިއާ ކޮމްޕްރޮމައިޒް ކޮށްގެން، އެ މީސްމީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ކުށްތަކަށް އަރައިގަންނަނީ ޓެކްނޮލޮޖީގެ އެހީގައި އެކި ދުވަސްވަރު އެކި އުކުޅުތައް ބޭނުންކޮށްގެނެވެ.
"އެކިއެކި ޓެކްނިކްސް ބޭނުންކޮށްގެން ހިންގާ ސައިބަ ކްރައިމްސް ދަނީ ދުވަހަކަށްވުރެ ދުވަހެއް ދުވަހެއް އިތުރުވަމުން...އަދި އޭގެ އިތުރަށް ޓެކްނިކަލީ މި ކުރާ ގޮތް ވެސް ކުރިން ކުރި ގޮތަށްވުރެ ތަންކޮޅެއް ކޮމްޕްލެކްސްކޮށް ފަހުން މި ކުރަނީ. ކުރާ ގޮތް ވެސް އެބަ ބަދަލުވޭ. އެ ހިންގާ މިންވަރު ވެސް ދަނީ އިތުރުވަމުން" އޭނާ ވިދާޅުވިއެވެ.
އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅޭ ސައިބަ ކްރައިމްގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- މަކަރާ ހީލަތުގެ މައްސަލަތައް
- ފައިސާ ގެއްލުމުގެ މައްސަލަތައް
- ބިރުދެއްކުމުގެ މައްސަލަތައް
- ޖިންސީ ކުށް ހިމެނޭ އެކިއެކި މައްސަލަތައް
ރައޫފުއްދީން ވިދާޅުވީ މި ފަދަ މައްސަލައެއް ދިމާވުމުން ވީހާ ވެސް އަވަހަކަށް ފުލުހުންނަށް އެ ކަމެއް ރިޕޯޓު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސައިބަ ކްރައިމްގެ މައްސަލަތަކުގެ ހެއްކަކީ ވެސް ވަރަށް ތަފާތު އެއްޗެއްކަން ފާހަގަކުރައްވައި އޭނާ ވަނީ، އެ ފަދަ މައްސަލަތައް ރިޕޯޓު ކުރައްވާއިރު، ހެއްކާއެކު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޓެކްނޮލޮޖީ ބާރު ދުވެލީގައި ކުރި އަރަމުން އަންނައިރު، ރައްޔިތުން އެ ކަމަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރިއެއް ނޫނެވެ.
"...[ޓެކްނޮލޮޖީ] ބޭނުންކުރާއިރު ރަނގަޅު ގޮތް ފުރަތަމަ ދަސްކުރަން ވެސް އެބަޖެހޭ. އަދި އޭގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅަން އެބަ ޖެހޭ" އޭނާ ވިދާޅުވިއެވެ.
ސައިބަކްރައިމް އާއި ސައިބަ ސެކުރިޓީއާ ގުޅޭ ގޮތުން ރައްޔިތުންނާ މުއައްސަސާތަކަށް ވެސް މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރި ކުރުވުމަށް "ސައިބަ ސެކިއުރިޓީ އެވެއާނަސް މަންތް"ގެ ނަމުގައި ފުލުހުން ވަނީ ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ނިންމައިފައެވެ.
ފުލުހުން ބުނި ގޮތުގައި މި ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މި މަހުގެތެރޭ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރައްޔިތުންނާ ގާތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.