ހިޒްބުﷲގެ އިސް ލީޑަރު ހާޝިމް ސަފިއްދީންއާ ގުޅުން ކެނޑިއްޖެ

ހިޒްބުاللهގެ އެގްޒެކެޓިވް ކައުންސިލްގެ އިސްވެރިޔާ ހާޝިމް ސަފީއްދީން އީރާނުގެ ތާއީދު އޮންނަ ޝިޔައީ ޖަމާއަތުގެ ހަފްލާއެއްގައި ބައިވެރިވެވަޑައިގަންނަވަނީީ. ފޮޓޯ/އަލް ޖަޒީރާ

ހުކުރު ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދަހިއްޔާއަށް ދިން ހަމަލާއަކަށްފަހު، އެ ގައުމުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲގެ އިސް ލީޑަރު ހާޝިމް ސަފީއްދީނާ ގުޅުން ކެނޑިފައިވާ ކަމަށް ލުބުނާނުގެ ސަލާމަތީ މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފިއެވެ.

ހާޝިމް ސަފީއްދީނަކީ އަވަހާރަކޮށްލައިފައިވާ ހިޒްބުﷲގެ ވެރިޔާ ޙަސަން ނަޞްރުﷲ އަށްފަހު، އެ ޖަމާއަތުގެ އިސް ވެރިއާއަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ލީޑަރެވެ.

ހިޒްބުﷲގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއާމަންގެ ހައިސިއްޔަތުން ސަފީއްދީނަކީ އެ ޖަމާއަތުގެ ވަރަށް މަތީ ދަރަޖައިގައި ހިމެނޭ ބޭފުޅެކެވެ. އޭނާ އަކީ އޭނާއަކީ ނަސްރުﷲގެ ދެބެންގެ ދެ ދަރި ބޭފުޅެކެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު ދިން ހަމަލާގައި މަރުވި މީހުންގެ ހަށިތައް ހޯދުމަށް ހިޒްބުﷲ އިން ވަރަށް އަވަހަށް މަސައްކަތް ފެށިއެވެ.

ހިޒްބުﷲގެ ގިނަ ކޮމާންޑަރުންނަކީ ސިއްރުން އާންމުންނަށް ނުފެނި އުޅޭ ބައެއް ކަމަށާއި ސަފީއްދީންގެ ނަން ވެސް ގިނަ ބަޔަކަށް އެނގުނީ ނަސްރުﷲގެ ފަހުން ހިޒްބުﷲގެ އިސް ވެރިޔާގެ މަގާމަށް ސަފީއްދީން އަންނާނެ ކަމަށް ބެލެވެމުން ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

އެކަމާ ގުޅިގެން ހިޒްބުﷲގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހިޒްބުﷲގެ އޮފިޝަލުންނާ ގުޅުވައި މީޑިއާތަކުން ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ތެދު ކަމަށް ބަލަން ޖެހޭނީ އެ ޖަމާއަތުގެ މީޑިއާ އޮފީހުން ނެރޭ ބަޔާންތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޒްބުﷲ އިން އެގޮތަށް ބުނެފައި ވަނީ އަލްޖަޒީރާ ހިމެނޭ ގޮތަށް މީޑިއާ ޖަމިއްޔާތަކުން އެ ޖަމާއަތުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ސަފީއްދީންއާ ގުޅުން ކެނޑިފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. ނަމަވެސް އެ ޖަމިއްޔާއިން އިޝާރާތް ކުރަނީ އެ ރިޕޯޓަށް ކަމެއް ސާފެއް ނޫނެވެ.

ނަމަވެސް ސަފީއްދީންއާ ގުޅުން ކެނޑިފައިވާ ކަމަށް އަޑު ފެތުރުމަކީ އެ ޖަމާއަތުގެ ތެރޭގައި ޖާސޫސީ މައުލޫމާތު ލީކުވާ ކަމުގެ ހެއްކެއް ކަމަށާއި އެކަމުގެ ސަބަބުން އިސްރާއީލަށް އެއް ލީޑަރަކަށް ފަހު އަނެއް ލީޑަރެއް ހޯދައި ހަމަލާ ދިނުމުގެ ފުރުސަތު އޮތް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ އަލްޖަޒީރާގެ އެނަލިސްޓް، މަރްވާން ބިޝާރާ ވިދާޅުވިއެވެ.

ޖޯޖްޓައުން ޔުނިވާސިޓީގެ، މެދުއިރުމައްޗާއި އިސްލާމީ ޕޮލިޓިކްސްގެ އެސޯސިއޭޓް ޕްރޮފެސަރު ނާދިރު ހާޝިމީ ވިދާޅުވާ ގޮތުގައި ނަސްރުﷲގެ ފަހަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅާއާ ގުޅުން ކެނޑުމަކީ ހިޒްބުﷲ އަށް ލިބުނު އަނެއް ސީރިއަސް އަދި ބޮޑު ނާކާމިޔާބީއެކެވެ.

"އޭނާއާ ގުޅުން ކެނޑިފައިވާ ކަމަށް ބުނުމަކީ އޭނާ މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ކުރިއަށް އޮތްތަނުގައި ކުރާނެ އިއުލާނަށް ހިޒްބުﷲގެ ސަޕޯޓަރުން ތައްޔާރު ކުރުމަށް ކުރާ މަސައްކަތެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހިޒްބުﷲގެ ވެރިޔާ ނަޞްރުއްﷲ އަވަހާރަކޮށްލައިފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދިނީ މިދިޔަ މަހު 28 ވަނަ ދުވަހެވެ.

އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނަށް ނުކުމެ ނުއުޅުއްވައި، އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއްވި ނަޞްރުﷲ އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.

comment ކޮމެންޓް