ރާއްޖޭގައި މި އަހަރު އެޅުވި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކަމަނާ"ގެ ޑިމާންޑު ބޮޑުވެ, ރާއްޖެއިން ބޭރުގައި ފުރަތަމަ ޝޯއެއް އަޅުވައިފިއެވެ.
ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އާ ފިލްމު "ކަމަނާ" ޕްރިމިއާކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެއަށް ފަަހު ފިލްމަށް ލިބިފައިވަނީ ހީ ވެސް ނުކުރާ ބޮޑު ޑިމާންޑެކެވެ. ފިލްމުގެ ޝޯތައް ހައުސްފުލްވެ, ޑިމާންޑު ބޮޑުވެ, އިތުރު ޝޯތަކެއް ވެސް އެޅުވިއެވެ. އަދި, އެ އެވަރުން ވެސް ގިނަ ބަޔަކު ކަމަނާ ބަލަން ބޭނުންވެގެން އޮލިމްޕަހުގެ އިތުރުން ޝްވެކްގައި ވެސް ފިލްމު ދައްކަން ފެށިއެވެ.
އަތޮޅުތަކުގައި ވެސް ފިލްމު އަޅުވަމުން ގެންދާއިރު އެންމެ ފަހުން މިހާރު މި ފިލްމު މި އޮތީ ރާއްޖެއިން ބޭރުގައި ދައްކާފައެވެ.
ކަމަނާގެ ޝޯއެއް ރޭގައި ވަނީ ތައިލެންޑުގެ ބެންކޮކުގައި ދައްކާފައެވެ. މި ޝޯ ދައްކާފައިވަނީ ބެންކޮކުގެ މެޓް ކޮންޑޮމިނިއަމްގެ ނުވަވަނަ ފަންގިފިލާގައެެވެ. މި ޝޯއަކީ ތައިލެންޑުގައި ތިބި ދިވެހީން މި ފިލްމަށް ޑިމާންޑު ކުރަމުންދާތީ އަޅުވާފައިވާ ޝޯއެކެވެ. މި ޝޯއަށް ވެސް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.
މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި ހާލަތު ދައްކުވައިދޭ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ކުންފުނިން ބުނެއެވެ.
ކަމަނާގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މަރިޔަމް އައްޒައެވެ. އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އާއިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެންނާނެއެވެ.
ކަމަނާގެ އިތުރު ރޯލުތަކުން އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) ފެނިގެން ގޮސްފައިވެއެވެ.