ދިވެހި މުޖުތަމައުގައި ދޮގު ޚަބަރު ފެތުރުން އޮތީ މޫލާފައި ކަމަށާއި ބައެއް ފަހަރަށް ފަތުރާ ދޮގު ޚަބަރުތަކުގެ ސަބަބުން ދައުލަތަށް ވެސް އެކަމުގެ ގެއްލުން ވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ދޮގާއި ދޮގު ޚަބަރު ފެތުރުމަކީ މުޖުތަމައުއަށް އޮތް ބޮޑު ހަލާކެއް ކަމަށާއި ދޮގު ޚަބަރު ފަތުރާ މީހުން ކުޑަ ލާރިކޮޅަކަށް ވިޔަސް އެ މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން، މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާއިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއް ކަން ވަޒަންކޮށްލުމުގެ ހޮޔެ ވިސްނުން ނާންނަތީތޯ ރައީސް ވަނީ ސުވާލުއުފައްދަވާފައެވެ.
ބައެއް ފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި. ޙަޤީޤަތުގައި އިސްލާމީ އުންމަތަށް ބަލާއިރު މި ކަމަކީ މަދީނާގެ މުނާފިޤުން ފަށައިގަތްކަމެއް.
ދޮގާއި ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން ކަމަށާއި އެކަމެއް ގަބޫލު ކުރުމުގެ ކުރިން އެކަމުގެ ތެދު ބަލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ނަމޫނާ ލިބިގަންނަންވީ މުނާފިގުން ދުނިޔެއަށް ތައާރަފްކުރި ފިތުނަތަކުން ނޫން ކަމަށާއި ނަމޫނާ ލިބިގަންނަންވީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި އަޚުލާގުން ކަމަށެވެ.
އެގޮތުން، މުސްލިމުންގެ ލޮލުން ބަލާބެލުމާ ކަންފަތުން އަހާއެހުމާއި ދުލުން ބުނާ ބުނުމުގައި މަސްއޫލުވެރި ބައެއް ކަމަށާއި ﷲގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް އެ މަނިކުފާނު ވިދާޅުވީ، މުސްލިމުން ވާންވީ އެކަކު އަނެކުންގެ ހިތަށް ފިނިކަމާ ހަމަޖެހުން ގެނެސްދޭ މިތުރަކަށް ކަމަށެވެ.