އެމްޑީޕީގައި ހުންނެވިމަށް ފަހު ދާދިފަހުން ޑީއާރުޕީ އަށް ސޮއިކުރެއްވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެ ޕާޓީއާ އަބްދުﷲ އަބްދުއްރަހީމް ގުޅިވަޑައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ޑީއާރުޕީގެ ޓިކެޓްގައި ނުކުންްނަވައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްﷲ އަބްދުއްރަހީމް މިދިޔަ އަހަރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި އަދި އެ އަށް ފަހު، އެ ޕާޓީ ދޫކުރައްވައި މިދިޔަ މާޗު މަހު އޭނާ ވަނީ އަލުން ޑީއާރުޕީއާ ގުޅިވަޑައިގެންފަ އެވެ.
އަބްދުއްރަހީމް އެ ޕާޓީ އަށް ސޮއި ކުރެއްވި ދުވަހު، ކުރިން އެމްޑީޕީގައި ހުންނެވި މަރަދޫ ދާއިރާގެ ހަސަން އާދިލް ވެސް ވަނީ އެ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ގައުމީ ޕާޓީގެ ޓިކެޓްގައި ނިކުމެވަޑައިގެންނެވެ.
އަބްދުއްރަހީމާއި އާދިލްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ހިމެނިވަޑައިގެންވި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންްފަ އެވެ.
އެ ދެ ބޭފުޅުން އެ ޕާޓީ އަށް ސޮއި ކުރެއްވުމުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި ހަ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.