ކައުންސިލްގެ ޖަލްސާތަކަށް އޮންލައިންކޮށް ''ޕިޖާމާ ލައިގެން'' ވަންނަ މީހުން ބޭނުމެއްނުވޭ: އާޒިމް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް: އޭނާ ވަނީ ކައުންސިލްގެ ޖަލްސާތަކަށް އޮންލައިންކޮށް ޕިޖާމާ ލައިގެން ވަންނަ މީހުން ބޭނުންނުވާ ކަމަށް ވިދާޅުވެފަ --

މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކަށް އޮންލައިންކޮށް ''ޕިޖާމާ ލައިގެން'' ވަންނަ މީހުން, އެ ކައުންސިލަށް ބޭނުން ނުވާކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު ވަނީ، މާލޭ ސިޓީ ކައުންސިލަށް ހޮވަން ވާނީ، ހަ ޖަލްސާއަށް ހާޒިރުނުވެ، ހަތް ވަނަ ޖަލްސާއަށް ޕިޖާމާގައި އޮންލައިންކޮށް ވަންނަ މީހުން ނޫންކަމަށް ވިދާޅުވެފައެވެ.

އާޒިމް ވަނީ، ސިޓީ ކައުންސިލުން އެ ކައުންސިލްގެ ޔޫޓިއުބް ޗެނަލްގައި އާންމުކުރާ ކައުންސިލްގެ ރަސްމީ ޖަލްސާގައި، މޭޔަރު ވީޑިއޯ ޖައްސަން ވިދާޅުވުމުން ނިދަންލާ ޕިޖާމާއާއެކު އޮންލައިންކޮށް ކައުންސިލް ޖަލްސާއަށް ވަންނަ ބައެއް މެމްބަރުން ފެންނަ ކަމަށް ވިދާޅުވެފައެވެ.

ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކައުންސިލްގެ ރަސްމީ ޖަލްސާތައް ބާއްވަން މަސައްކަތް ކުރުމުން، ކޯރަމް ހަަމަނުވާތީ ޖަލްސާތައް ނުބޭއްވުމުގެ ކަންބޮޑުވުން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ދެން ވިދާޅުވަނީ މިހާރުވެސް ވާރޭ ވެހޭއިރަށް ތިމަންނާމެން އަންނަމޭ. މިކިޔަނީ ކައުންސިލްގެ ރަސްމީ ޖަލްސާގެ ވާހަކަ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މޭޔަރު ވިދާޅުވީ ޒިންމާ އަދާ ކުރެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާތަކަށް ހާޒިރުވެގެން ކަމަށެވެ.

އާޒިމް ވަނީ، ކައުންސިލްގެ ޖަލްސާތަކަކީ ލައިވްކޮށް ގެންދާ މީޓިންއެއް ކަމަށާއި މި ރޯދަމަހު ކައުންސިލްގެ ރަސްމީ ޖަލްސާތަކަށް ވަޑައިނުގަންނަވާ ބޭފުޅުންނާއި، އޮންލައިންކޮއް ބައިވެރިވާ ބޭފުޅުންގެ ތަފުސީލް ސިޓީ ކައުންސިލް ޔޫޓިއުބް ޗެނަލްގެ ލައިވް ސެކްޝަނުން ފެންނަން ހުންނާނެކަން ފާހަގަކުރައްވައިފައެވެ. އެކަމަށް ސަމާލުވެ، ކައުންސިލަރުން ޖަލްސާއަށް ވަޑައިގަތުމަށް މޭޔަރު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ސިނަމާލެއައި މާލޭ ހިޔާ ފުލެޓުތަކަށް ޖޫރިމަނާ މަނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ވެސް އާޒިމް އިޝާރާތްކުރެއްވިއެވެ. އެގޮތުން، ގާނޫނުގައިވާ ގޮތުގެ މަތިން އެ ފުލެޓުތަކަށް ޖޫރިމަނާ މާފުކުރުމަށް ކައުންސިލުން އެކަން ފާސްކުރަން މަސައްކަތް ކުރުމުން، ކުރިން ރައީސްގެ މޭޔަރުކަމުގައި އެ ޖޫރިމަނާތައް މާފުކޮށްދެއްވާފައިވާ ކަމަށް ކައުންސިލަރުން ވިދާޅުވާކަން އާޒިމް ފާހަގަަކުރެއްވިއެވެ.

https://sun.mv/218466

މޭޔަރު ވަނީ، ކައުންސިލަރުން ބޭނުންވަނީ މުސްތަގުބަލުގައި އަރައިފާނެ ޖުރިމަނާ މާފު ނުކޮއްދެވޭ ގޮތަށް ކުރިއަށްދާން ކަމަށްވާނަމަ، އެންމެ ފަހުން ރައީސްގެ މޭޔަރު ކަމުގައި މާފު ކޮއްދެއްވާފައިވާ ހިސާބުން ފެށިގެން މިއަދާ ހަމައަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ނިންމިދާނެ ކަމަށް ވިދާޅުވެފައެވެ.

އާޒިމް ކައުންސިލަރުންގެ ހާޒިރީއާ ގުޅޭ ގޮތުން ވާހަކަދެއްކެވިއިރު, އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝަށް މިހާރު ވަނީ ކައުންސިލްގެ ޖަލްސާތަކަށް ގަވައިދުން ހާޒިރު ނުވާތީ ލިޔުމުން ނަސޭހަތް ދީފައެވެ.

comment ކޮމެންޓް