އަގު ނަގާފައި ހަފުލާއަކަށް ނުދިއުމުން ތުރިޕްތީގެ ފޮޓޯއަށް ކަޅުތެޔޮ ޖަހައިފި

ފިލްމީ ތަރި ތުރިޕްތީ ދިމްރީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ޖެއިޕޫރުގައި ބާއްވަން ހަމަޖެއްސި ހަފުލާއެއްގައި ބައިވެރިވާން އެއްބަސްވެ، ފަހު ވަގުތު ހަފުލާއަށް ހާޒިރުވުމަށް އުޒުރުވެރިވުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ޒުވާން ބަތަލާ ތުރިޕްތީއަށް އަމާޒުވެއްޖެއެވެ.

މި ހަފުލާ އިންތިޒާމުކުރި އަމިއްލަ ވިޔަފާރި ހިންގާ ކުންފުނި އެފްއައިސީސީއައި އެފްއެލްއޯއިން ބުނެފައިވަނީ ހަފުލާގައި ބައިވެރިވާން ތުރިޕްތީ ވަރަށް ބޮޑު އަދަދެއްގެ ފީއެއް ނެގި ކަމަށެވެ.

މި ކުންފުނީގެ އިސް ފަރާތަކުން ވަނީ މިކަމާ ނުރުހުން ފާޅުކޮށް އާއްމުންނަށް ފެންނާނެހެން ބެހެއްޓިފައި ހުރި ތުރިޕްތީގެ ބޮޑު ފޮޓޯއަކަށް ކަޅު ތެޔޮ ވެސް ޖަހާފައެވެ. މި ހާދިސާގެ ވީޑިއޯ އިންޓަނެޓުގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ތުރިޕްތީގެ ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ހާދިސާއާ ގުޅިގެން ތުރިޕްތީއަށް އިންޓަނެޓު މެދުވެރިކޮށް ބަޔަކު މީހުން ޓްރޯލްކުރަން ފެށުމާ ގުޅިގެން ބަތަލާގެ ޓީމުން ވަނީ ސްޓޭޓްމެންޓެއް ނެރެފައެވެ. މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ބަތަލާގެ ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ޕްރޮމޯޝަނަލް އިވެންޓުތަކާ ދިމާކޮށް ޖެއިޕޫރުގައި ޝެޑިއުލް ކުރެވުނު ހުރިހާ ހަފުލާއެއްގައި ތުރިޕްތީ ބައިވެރިވި ކަމަށް ބަތަލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަމިއްލަ ވިޔަފާރި ހިންގާ ކުންފުނި އެފްއައިސީސީއައި އެފްއެލްއޯއިން އެ ބުނާ ހަފުލާގައި ބައިވެރިވުމަށް ތުރިޕްތީ އެއްބަސްވެފައިނުވާނެ ކަމަށާއި ފައިސާގެ އެއްވެސް މުއާމަލާތެއް ވެސް ނުހިނގާ ކަމަށް ބަތަލާގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި ކުންފުނިން ބުނެފައިވާ ގޮތުގައި ތުރިޕްތީގެ ޚާއްސަ ފެނިލުމުގެ އަގަކަށް 5.5 ލައްކަ ރުޕީސް ބަތަލާއަށް ވަނީ ދީފައެވެ. މި މައްސަލައާ ގުޅިގެން ތުރިޕްތީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް