އިންޑިއާގެ އެންމެ އަގު ބޮޑު ތަރި، ވިޖޭގެ ފިލްމު ނެޓްފްލިކްސްއަށް

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ އަގު ބޮޑު އެކްޓަރުގެ ޝަރަފު ދާދި ފަހުން ހޯދި ތަމަޅަ އެކްޓަރު ވިޖޭގެ އެންމެ ފަހުގެ ފިލްމު "ގޯޓް - ގްރޭޓެސްޓް އޮފް އޯލް ޓައިމް" ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.

މިއީ ތަމަޅަ ބަހުން އުފައްދާފައިވާ ފިލްމެއް ނަމަވެސް ނެޓްފްލިކްސްގައި ފިލްމު ރިލީޒްކޮށްފައިވަނީ އިންޑިއާގައި އާއްމުކޮށް މީހުން ވާހަކަ ދައްކާ އުޅޭ އިތުރު ބަހަކުންނެވެ. އޭގެ ތެރޭގައި ހިންދީ ބަސް ވެސް ހިމެނެއެވެ. މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރާ ގޮތަށް ނިންމާފައިވަނީ ފިލްމު ސިނަމާތަކުގައި ރިލީޒްކުރިތާ 28 ދުވަސް ފަހުންނެވެ.

ވިޖޭގެ ވަރަށް ވަރުގަދަ އެކްޝަން ސީންތައް ފެންނާނެ މި އެކްޝަން ތުރިލާއަކީ ތަމަޅަ ޑައިރެކްޓަރު ވެންކަތު ޕްރަބޫގެ އުފެއްދުމެކެވެ. މުޅިއެކު 48 މިލިއަން ޑޮލަރު ހޭދަކޮށްގެން އުފެއްދި "ގޯޓް"އަށް ބޮކްސް އޮފީހުގައި 54.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު ފިލްމުގެ ޑިޖިޓަލް ރައިޓްސް ވިއްކާލައިގެން ލިބުނު އާމްދަނީގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ވިޖޭގެ ކެރިއަރުގެ އެންމެ ފަހު ފިލްމު ކަމަށް ބުނެވޭ ""ތަލަޕަތީ 69" އެކްޓަރާއެކު ފެންނާނެ ބައެއް ތަރިން--ފޮޓޯ/ޕިންކްވިލާ

ވިޖޭއާ އެކު މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ޕްރަބޫ ދޭވާ ފެންނާނެއެވެ.

ފިލްމު "ގޯޓް"އަށް ފަހު ވިޖޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރުގެ ފިލްމީ ކެރިއަރު ނިންމާލާ ފިލްމު "ތަލަޕަތީ 69"އިންނެވެ.

ފިލްމި ޚަބަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ކެރިއަރުގެ 69 ވަނަ ފިލްމަށް ފަހު ވިޖޭ ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. ފިލްމު "ތަލަޕަތީ 69"އިން ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް މުހިއްމު ރޯލަކުން ފެންނާނެކަން އިއުލާނުކޮށްފައިވާއިރު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެޖްޅޭއެވެ.

comment ކޮމެންޓް