ފަތުރުވެރިން ގިނަވިއަސް ފައިދާއެއް ނުވޭ، ނަމްބަރަކީ ކާމިޔާބީއެއް ނޫން: މައުސޫމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް: އޭނާ ވަނީފަތުރުވެރިން ގިނަވި ކަމުގައި ވީނަމަވެސް ފައިދާއެއް ނުވާކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދަކީ ކާމިޔާބީއެއް ނޫން ކަމަށް ވިދާޅުވެފަ -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފަތުރުވެރިން ގިނަވި ކަމުގައި ވީނަމަވެސް، އެކަމުން ފައިދާއެއް ނުވާކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދަކީ ކާމިޔާބީއެއް ނޫން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަކީ އުފާވެރިކަމާއި ސުލްހައިގެ ސިނާއަތެއް ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމުގެ އާމްދަނީ، ނިސްބަތުން ބަލާނަމަ ކުރިއަރަމުން އައި ރޭޓު ދައްވެފައި ވާކަން މިނިސްޓަރު ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުން ރާއްޖެ ހަމަމަގަށް އެޅެމުން އައިރު މުޅި ދުނިޔޭގެ ތައުރީފު ރާއްޖެއަށް ލިބުނީ ފަތުރުވެރިކަން ކުރިއަރަމުން އައިލެއް އަވަސް ކަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި 2020ވަނަ އަހަރުން ފެށިގެން ވަރަށްބޮޑު ކުރިއެރުމެއް ފަތުރުވެރިކަމަށް އައި ކަމަށާއި ނަމަވެސް މިހާރު އެކަން މަޑުޖެހިފައި ވާކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ ދާއިރާ އިތުރަށް ކުރިއެރޭނީ ދެންހުރި ކަންކަން ރަނގަޅުކުރުމުން ކަމަށެވެ.

"2020އިން 21އަށް ވަރަށް ބޮޑު ކުރިއެރުމެއް އައި. 21އިން 22އަށް، 22 އިން 23އަށް އެހެން. ދެން މިހާރު ވަކިހިސާބަކަށް ކުރިއަށް އައިސް ރާސްލާފަ ކުރިއަށްދެވޭނީ ދެންހުރި ކަންކަން ހަމައަކަށް އަޅުވައިގެން." މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މިހާރު އަމާޒު ހިފަންޖެހެނީ ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ. އަދި ފަތުރުވެރީންގެ އަދަދަކީ މީހުން އެއްވެސް އިރެއްގައި ފަތުރުވެރިކަމުގެ ކާމިޔާބީ ރަމްޒުކުރުމަށް ބަލާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ކާމިޔާބީ ބަލަންޖެހޭނީ ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމާއި އުފަލުން ކަމަށެވެ. އަދި ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ހަދާފައިވާނީ މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި ކަމަށާއި އެއާ އެއްގޮތަށް ކުރިއަށްދިއުމުން ފަތުރުވެރިކަން ރަނގަޅުވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މައުސޫމް ވިދާޅުވީ އެ މާސްޓާ ޕްލޭނަކީ ރާއްޖޭގެ ފުންނާބު އުސް ބޭފުޅުންނާއި މުޅި ފަތުރުވެރިކަމުގެ އިންޑަސްޓްރީއާ މަޝްވަރާ ކުރައްވާ ހަދާފައިވާ ޕްލޭނެއް ކަމަށެވެ. ނަމަވެސް އެ ޕްލޭނަށް އަމަލުކުރާތަން މިއަދު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާ ޕްލޭނަށް އަމަލުކުރާ ތަނެއް. އެކަމު އޭގެ ތަންތަންކޮޅު އެބަ ނަންގަވާ. ނަމަވެސް މާސްޓާ ޕްލޭނެއް ރަނގަޅަށް މަސައްކަތްކުރާނީ އޭގަވާ ހުރިހާ ދިމާލަކަށް އެޑްރެސް ކޮށްގެން މަސައްކަތް ފަށައިގެން." މައުސޫމް ވިދާލުވިއެވެ.

މައުސޫމް ވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާތީ އެކަމާ އުފާކުރާކަމަށައި އަދި އުންމީދަކީ ދެ މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްވުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފަތުރުވެރިންގެ އަދަދަށްވުރެ ބޮޑަށް ބަލަންވީ ރައްޔިތުންނަށް ލިބޭ އުފާވެރިކަމަށް ކަމަށާއި އޭގައިން ދައުލަތައް ލިބެނީ ކިހާ އާމްދަނީއެއް ކަން ބެލުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ބަޖެޓުގައި އޮންނަ ވަރަށްވުރެ ގިނައިން ރާއްޖެއަށް އަބަދުވެސް ޓޫރިޒަމުން ފައިދާ ލިބެމުން ދާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް