ފޯޅަވެއްސަކީ ރާއްޖޭގެ ރަށެއްކަމަށް ހެކިދޭ ކިތަންމެ ތާރީޚީ އަދި ސަގާފީ ހެއްކެއް އެބަހުރި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވެއްސަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށެވެ. އަދި އެތަން ބަލަހައްޓަނީ އިނގިރޭސީން ކަމަަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފޯޅަވެއްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.
"ފޯޅަވެއްސަކީ ޗާގޯސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަމަށާއި ޔޫރަޕްގެ މީހުން އެތަނަށް ކިޔަން ފެށީ ޕެރޮސް ބަންހޮސް،" އޭނާ ވިދާޅުވިއެވެ.
އިހު ޒަމާނުގައި ފޯޅަވެއްސަކީ މީހުން ދިރިއުޅޭ ތިއާގި ރަށެއް ކަމަށާއި 1500ގެ އަހަރުތަކަށް ފަހު ކުރަހަމުން އައި ގިނަ ރާއްޖޭގެ ޗާޓްތަކުގައި އަައްޑޫގެ ދެކުނަށްވާ އަތޮޅަކީ ފޯޅަވެހިކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ 1560ވަަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާ ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން، އެކަމާ ގުޅިގެން ވެސް ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ 2011 ވަނަ އަހަރުގެ މާޗު މަހު ދިވެހި ސަރުކާރާ މޮރިޝަސް ސަރުކާރާ ދެމެދު ޗާގޯސް އާކިޕިލާގޯގެ ވަށައިގެން އިނގިރޭސިން މެރީން ޕްރޮޓެކްޓެޑް އޭރިއާ ގާއިމް ކުރި މައްސަލައާ ދެކޮޅު ހައްދަވައި އިނގިރޭސި ސަރުކާރާ އެކު އެންމެ ގުޅިގެން މަޝްވަރާ ކުރުމަށް އެއްބަސްވި ކަމަށެވެ. އެގޮތުން ދެ ޖަޒީރާ ގައުމުގެ މަސްލަހަތާއި އަދި ދެ ގައުމުގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުތަކާ ގުޅޭގޮތުން އެއްބަސް ވެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"2019 ވަނަ އަހަރު އެ އެއްބަސްވުން ތަންފީޒު ނުކުރެވުމުން މޮރިޝަސްއިން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ކޯޓަށް ގޮސްފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވްރިނިޓީ ފޯޅަވެހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވުން ކަމަށެވެ.
ޗާގޯސް މައްސަލައާ ގުޅުގެން ގިނަ ބަހުސްތަކެއް ކުރެވެމުންދާއިރު މަޖިލީހުގައިވެސް އެބަހުސް ދަނީ ކުރިއަށެވެ.
އެ މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅުވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަން އެ އޮފީހުން ފާހަގަކުރެއެވެ.
މީގެ އިތުުރުން އދ.ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ގެންނާނެ ކަމެއް ނޫން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.