ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް މިހާރު 24 ގަޑިއިރު ލިބޭނެ

ސްޓެލްކޯގެ ހެޑް އޮފީސް: އެ ކުންފުނިން ވަނީ އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭ ގޮތަށް ބަދަލުކޮށްފައި ---

ސްޓެލްކޯއިން އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭ ގޮތަށް ރެއިން ފެށިގެން ބަދަލުކޮށްފިއެވެ.

މި ބަދަލު އެ ކުންފުނިން ގެނެސްފައިވަނީ ރޭ 00:00 އިން ފެށިގެންނެވެ.

އެ ކުންފުނިން ބުނީ، މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އަދި، މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެ ކުންފުނިން ވަނީ ސްޓެލްކޯ ހޮޓްލައިން، 1545 ތާރަފުކޮށްފައެވެ.

އެ ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަ ހުރިހާ ޚިދުމަތްކާ ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ޚިދުމަތާ އެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މިއީ ޒަމާނާ އެއް ހަމައެއްގައި ފައިހަމަކުރާ ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ސްޓެލްކޯ ހެދުމަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.

"ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއް ހަމައެއްގައި ފައިހަމަކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރު ވެސް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ފިޔަވަޅަކަށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް