މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި އޮފީސް އިމާރާތަކީ ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީކުރާ އިމާރާތެކެވެ.
ދިހަ ބުރީގެ އޮފީސް އިމާރާތުގެ ޕްލޮޓް ސަރަހައްދުގައި 9،582.1 އަކަފޫޓު ހުރިއިރު، އިމާރާތްކުރެވޭ ސަރަހައްދުގައި 6،922.2 އަކަފޫޓު ހުންނާނެއެވެ. އަދި, އިމާރާތްކުރުމުގެ އުސްމިނުގައި 35.0 މީޓަރު ހުންނާނެއެވެ.
އެމްޕީއެލްއިން ކުރި އިއުލާނެއްގައި ވަނީ އެ އޮފީސް އިމާރާތުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފައެވެ.
އެ އިއުލާނުގައި ބުނީ، ހުޅުމާލޭގައި ކޯޕަރޭޓް އޮފީސް އިމާރާތެއް ތަރައްގީކުރަން ހުޅުވާލި ޕްރޮޖެކްޓަށް ފައިނޭންސް ކުރުމާ ގުޅޭ އީއޯއައިއެއް މިހާރު ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ހުރިހާ ފަރާތްތަކަށް ވެސް އިންސާފުވެރި އަދި ވާދަވެރި ފުރުސަތެއް ހޯދައިދިނުމަށްޓަކައި އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް އެ ކުންފުނިން ވަނީ ދައުވަތު އަރުވާފައެވެ.
އެމްޕީއެލްއިން ބުނީ، އީއޯއައިގެ އިވެލުއޭޝަން ބިނާވެގެންދާނީ ތިރީގައިވާ މައުލޫމާތުގެ ފުރިހަމަކަމުގެ މައްޗަށް ކަމަށެވެ. އެއީ:
- ހުށަހަޅާ ބިޒްނަސް މޮޑެލް
- މާލީ ޝަރުތުތައް
- އޮޕަރޭޓަރާއި ޑިވެލޮޕާ/ ކޮންޓްރެކްޓަރުގެ ތަޖުރިބާ
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ދަރަޖަ އާއި ގާބިލުކަން
ހުޅުމާލެ އޮފީސް އިމާރާތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ ސްކޯޕްގައި ހިމެނޭ ކަންކަން:
- ޕާކިން އޭރިއާ
- ކުނި ނެގުމުގެ ސަރަހައްދު/ ސާވިސް އޭރިއާ/ ލޯޑިން އެންޑް އަންލޯޑިން އޭރިއާ
- ސެކިއުރިރީ ބަލަހައްޓާ ޕޯސްޓު
- އެންޓްރަންސް/ ރިސެޕްޝަން/ ލޮބީ
- ކެފޭ
- ރީޓެއިލް
- ކޮންފަރެންސް/ އިވެންޓްސް ފްލޯ
- ކުއްޔަށް ދޫކުރުމަށް އޮފީސް ޖާގަ
- އެމްޕީއެލްގެ އޮފީސް ޖާގަ
- ރެސިޑެންޝަލް
- ރޫފްޓޮޕް ރެސްޓޯރެންޓް
އެމްޕީއެލްއިން ބުނީ، އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ކޮންމެ މަރުހަލާއެއްގައި ވެސް އީއޯއައި ޕްރޮސެސް ބާތިލުކުރުމުގެ އިޚުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އަދި، އެއްބަސްވުން ބާތިލުކޮށްފިނަމަ ކުރިއަށް އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަންވާނީ މި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގެ ފަހުން އީމެއިލް މެދުވެރިކޮށެވެ.
އެމްޕީއެލްގެ އޮފީސް އިމާރާތް މިހާރު ހުންނަނީ މާލެ، ޕޯޓް ސަރަހައްދުގައެވެ. އެމްޕީއެލުން އެ އިމާރާތް ބޭނުންކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.