ފުލުހުން މަގުތަކަށް ނުކުތުމުން ވައްކަމާއި އެކްސިޑެންޓުތައް ވެސް މަދުވެއްޖެ

ފުލުހުން މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ: ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުން މަގުތަކަށް ނުކުތުމުން ވައްކަމާއި އެކްސިޑެންޓުތައް ވެސް މަދުވެއްޖެ -- ފޮޓޯ/ ފުލުހުން

މަގުތަކަށް ގިނަ ފުލުހުން ނުކުމެ ސަލާމަތީ ކަންކަން ބަލަން ފަށާފައިވާއިރު ފާއިތުވި އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ވައްކަމާއި ފޭރުމުގެ އިތުރުން އެހެނިހެން ކުށްތައް ވެސް މަދުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ވައްކަމާއި، ޓްރެފިކް އެކްސިޑެންޓް އަދި މަސްތުވާތަކެތީގެ މައްސަލަތަކެވެ. ނަމަވެސް އޮގަސްޓް މަހާ އަޅާ ބަލާއިރު އެ ކުށްތައް ވެސް ސެޕްޓެމްބަރު މަހު ވަނީ ދަށްވެފައެވެ.

އެގޮތުން އޮގަސްޓްމަހު ވައްކަމުގެ 327 މައްސަލަ ރިޕޯޓުކުރިއިރު މިދިޔަ މަހު ކުރީ 230 މައްސަލައެވެ. އަދި އޮގަސްޓް މަހު ޓްރެފިކް އެކްސިޑެންޓްތަކުގެ 204 މައްސަލަ ރިޕޯޓުކުރިއިރު މިދިޔަ މަހު ކުރީ 143 މައްސަލައެވެ. މަސްތުވާތަކެތީގެ 134 މައްސަލަ އޮގަސްޓްމަހު ރިޕޯޓުކުރި އިރު މިދިޔަ މަހު ކުރީ 111 މައްސަލައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރޮންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތްތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ.

ސެޕްޓެމްބަރު މަހު ފުލުހަށް ރިޕޯޓުކޮށްފައިވާ އިތުރު މައްސަލަތައް:

  • ފޭރުން: 32 މައްސަލަ
  • ގެއްލިގެން ހޯދަން ރިޕޯޓުކުރި ތަކެތި: 52 މައްސަލަ
  • ގެވެށި އަނިޔާ: 11 މައްސަލަ
  • މާރާމާރީ ހިންގުން: 48 މައްސަލަ
  • ޖިންސީ ކުށްތައް: 12 މައްސަލަ
  • ޚިޔާނާތްތެރިވުން: 43 މައްސަލަ
  • ގެއްލުންދިނުން: 40 މައްސަލަ
  • މަކަރާއި ހީލަތް ހެދުން: 12 މައްސަލަ

ބްރިޖުމަތީ ފުލުހުން ޓްރެފިކް ބަލަހައްޓަނީ: ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުން މަގުތަކަށް ނުކުތުމުން ވައްކަމާއި އެކްސިޑެންޓުތައް ވެސް މަދުވެއްޖެ -- ފޮޓޯ/ ފުލުހުން

އޮގަސްޓު މަހު ފުލުހަށް ރިޕޯޓުކޮށްފައިވާ އިތުރު މައްސަލަތައް:

  • ފޭރުން: 46 މައްސަލަ
  • ގެއްލިގެން ހޯދަން ރިޕޯޓުކުރި ތަކެތި: 78 މައްސަލަ
  • ގެވެށި އަނިޔާ: 31 މައްސަލަ
  • މާރާމާރީ ހިންގުން: 48 މައްސަލަ
  • ޖިންސީ ކުށްތައް: 43 މައްސަލަ
  • ޚިޔާނާތްތެރިވުން: 38 މައްސަލަ
  • ގެއްލުންދިނުން: 50 މައްސަލަ
  • މަކަރާއި ހީލަތް ހެދުން: 16 މައްސަލަ

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭގެ މަގުސަދަކީ ސީނިއާ ފުލުހުން ހިމެނޭ ގޮތަށް، ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރުން ކަމަށެވެ.

އަދި ވޭތުވެދިޔަ އޮގަސްޓު މަހު މާލެއާއި ހުޅުމާލެ ހިމެނޭހެން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ފުރާނަތައް ވެސް ގެއްލިފައިވެއެވެ. އެއާއެކު ޓްރެފިކް ބެލުމަށް މަގުތަކުގައި ހަރަކާތްތެރިވާ ފުލުހުން ވެސް ވަނީ އިތުރުކޮށްފައެވެ.

ހަމައެއާއެކު ބްރިޖުމަތީ ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ފުލުހުން ވަނީ ސައިކަލު ބޭނުންކޮށްގެން ބްރިޖް ޕެޓްރޯލްކުރަން ވެސް ފަށައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވެއެވެ. އަދި، ގޭންގު ކުށްތަކާ ގުޅިގެން 80،000 އަށް ވުރެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް