ޖަވާބު ދިމާކުރުމުން ވަގުތުން ފައިސާ ޖަމާވާ ގޮތަށް ބާއްވާ ފުރަތަމަ ޓީވީ ކުއިޒް "360 ކުއިޒް" އަންނަ އަންގާރަ ދުވަހުގެރޭ ފެށުމަށް އެސްއެސް ޓީވީން ނިންމައިފިއެވެ.
މި ކުއިޒްގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ލިބޭނެއެވެ.
"ސަން" އަށް މައުލޫމާތު ދެމުން ކުއިޒްގެ ޕްރޮޑިއުސަރު މުޙައްމަދު ހަމްޒާ ބުނީ، މި ކުއިޒް ކުރިއަށްދާނީ ސިލްސިލާ ގޮތެއްގައި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 22:00އިން 23:00އަށް ހަމައެކަނި އެސްއެސް ޓީވީން ކަމަށެވެ.
ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުން ކުއިޒްތައް ގެންނަނީ ވަރަށް މަދުންކަން ފާހަގަކޮށް ހަމްޒާ ބުނީ ގިނައިން މިފަދަ ކުއިޒްތައް ހާއްސަކުރަނީ ރޯދަމަހަށް ކަމަށެވެ.
"ކުއިޒްތައް ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުން ވަރަށް މަދުންތާ މި ގެންނަނީ. އާންމު ގޮތެއްގަ ރޯދަމަހު ކުއިޒް މި ގެންނަނީ. ނަމަވެސް އެސްއެސް ޓީވީން މި ނިންމީ ވީހާވެސް އަވަހަށް ކުއިޒެއް ފަށަން." ހަމްޒާ ބުންޏެވެ.
ހަމްޒާ ބުނީ މި ކުއިޒާ އެހެން ކުއިޒްތަކާ ތަފާތުވަނީ މި ކުއިޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވަގުތުން ވަގުތަށް ފައިސާ ލިބޭތީ ކަމަށެވެ.
"މި ކުއިޒާ އެހެން ކުއިޒްތަކާ މި އޮންނަ ތަފާތަކީ ފައިސާގެ އިނާމު ބައިވެރިވާ ފަރާތެއްގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކުއިޒުގެ ތެރެއިން. ހަމަ ޝޯގެ ތެރޭގަ އޭނާގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާ ގޮތަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިފަ އޮތީ." ހަމްޒާ ބުންޏެވެ.
ހަމްޒާ ބުނީ މި ކުއިޒަކީ ޕިކްޓޯރިއަލް ކުއިޒެއް ކަމަށެވެ. އަދި ކުއިޒުގައި ޖަވާބުދޭން ޖެހޭނީ މަންޒަރުންކަމަށާއި ކުއިޒް އެހާ އުނދަގޫ ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު މި ކުއިޒްގައި ބައިވެރިވުމަށް އެސްއެމްއެސްއެއް ކުރަން ޖެހެއެވެ. އެސްއެމްއެސް ކުރާނީ (TS) ސްޕޭސް ނަމާއި އުމުރު ޖެއްސެވުމަށްފަހު 2747 އަކަށެވެ.
މި ކުއިޒް ފެންނާނީ އެސްއެސް ޓީވީ މީޑިއާނެޓުގެ ޗެނަލް 122 އަދި އެސްއެސްނެޓުގެ ޗެނަލް އެކެއްގެ އިތުރުން އެސްއެސްޓީވީގެ ފޭސްބުކް ލައިވުންނެވެ.
ވީހާވެސް ގިނަ ބައިވެރީން މި ކުއިޒުގައި ބައިވެރިވުމަށް ހަމްޒާ ވަނީ އެދިފައެވެ.