އެސްއެސްޓީވީން އުމްރާ ދަތުރެއް ލިބޭ ޕްރޮގްރާމެއް

އެސްއެސްޓީވީއިން އުމްރާ ދަތުރެއް ލިބޭ ޕްރޮގްރާމެއް -- ފޮޓޯ/ އެސްއެސްޓީވީ

ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީއާއި ފަރީ ހައްޖު އެންޑް އުމްރާ ޓުއާސް ގުޅިގެން، އުމްރާ ދަތުރެއް ލިބޭ ޕްރޮގްރާމެއް މި ރޯދަމަހު އެސްއެސް ޓީވީން ގެނެސްދިނުމަށް ނިންމައިފިއެވެ.

އެ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމުގައި އެސްއެސްޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ. އަދި ފަރީ ހައްޖު އެންޑް އުމްރާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފަޒްލާއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަހީން ވިދާޅުވީ 'ފަސް ރުކުން'ގެ ނަމުގައި ގެނެސްދޭ މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނޭހެން ކުރިއަށްގެންދާނެ ދީނީ ޕްރޮގްރާމެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ޕްރޮގްރާމުގައި ބައިވެރިވެވޭނޭކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ޒަހީން ވިދާޅުވީ އެ ޕްރޮގްރާމަކީ ރޯދަމަހުގެ ކޮންމެ ދުވަހަކު މެންދުރު 13:00އިން 14:00އަށް އެސްއެސްޓީވީން ލައިވްކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރިއްޔާއިން ބައިވެރިވުމަށް އެދެވޭނެ ކަމަށާއި ވީހާ ވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެސްއެމްއެސް ކުރާނެ ނަންބަރާއި އިތުރު ތަފުސީލުން އެސްއެސްޓީވީން އިއުލާންކުރާނެއެވެ.

ޒަހީން ވިދާޅުވީ މި ޕްރޮގްރާމުގެ ސުވާލުތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމް ދީނުގެ ފަސް ރުކުނުގެ މައްޗަށް ކަމަށާއި ޕްރޮގްރާމުގައި ސުވާލުކުރައްވާނީ ޝައިޚުން މެދުވެރިކޮށް ކަމަށެވެ. އަދި ޖަވާބު ނުބައިވި ކަމުގައި ވީނަމަވެސް ޝައިޚު އެ ސުވާލަަށް ޖަވާބު ދެއްވާނެ ކަމަށް ޒަހީން ވަނީ ވިދާޅުވެފައެވެ.

އެ ޕްރޮގްރާމުން އުމްރާ ދަތުރު ދޭނީ، ރަނގަޅު ޖަވާބު ދިމާކުރާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

ޒަހީން ވިދާޅުވީ ގުރުނެގުން އޮންނާނީ ފިތުރު އީދުގެ ބަންދުތެރޭގައި ކަމަށާއި، ގުރުއަތުން ހޮވޭ ފަރާތެއް އާންމުކޮށް އިއުލާނުކުރާނެ ކަމަށެވެ.

"މި ޕްރޮގްރާމުގެ ދޮރު މިވަނީ ހުޅުވާލެވިފައި. އަޅުގަނޑުމެން ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން މި ޕްރޮގްރާމަށް އިންތިޒާރު ކުރެއްވުމަށް. އަދި އުމްރާ ދަތުރު ކާމިޔާބު ކުރެއްވުމަށް،" ޒަހީން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ފަރީ ހައްޖުގެ ފަރާތުން ފަޒްލާ ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކު މި ޕްރޮގްރާމް ބަލައި، ޕްރޮގްރާމުގައި ބައިވެރިވުމަކީ އޭނާ ވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

އެސްއެސްޓީވީ ފާހަގަކޮށްލެވެނީ ގިނަ ދިވެހީންނާ ގުޅުންހުރި ކޮންޓެންޓަށް ވަރަށް ބޮޑު އިސްކަމެއްދޭ ޓީވީ ޗެނަލެއްގެ ގޮތުގައެވެ. ޒަހީން ވިދާޅުވީ ރޯދަމަހަކީ ޚާއްސަ މަހެއް ކަމުން، މި މަހު ގެނެސްދޭ ކޮންޓެންޓް ޚާއްސަވާނެ ކަމަށެވެ.

comment ކޮމެންޓް