ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް ހުޅުވާލައިފި

މާލޭގެ ރެސްޓޯރަންޓެގައި ބަޔަކު ޚިދުމަތް ހޯދަނީ --- ސަން ފޮޓޯ/ އަހްމަދުﷲ އަބްދުލްހާދީ

އަލަށް އެކުލަވާލާ ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ބޯޑުގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.

މި ބޯޑުގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ފެންވަރާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުން ވެސް ހިމެނެއެވެ.

މި ބޯޑުގެ މެންބަރުކަމުގެ ޚާއްސަ ޝަރުތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ޚިދުމަތްދޭ އެ ނޫން ވެސް ތަނެއްގައި މަސްލަހަތެއް އޮތް މީހެއް ކަމުގައި ނުވުމެވެ. އަދި މަގާމަށް އައްޔަން ކުރުމުގައި ޚިދުމަތް ލިބިގަންނަ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރުންނަށް އިސްކަންދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް އެދި ހުށަހަޅަންޖެހެނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ސީވީއެކެވެ. އެ މަގާމަށް އެދި ހުށަހަޅާ ސިޓީ ނުވަތަ ލިޔުމާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއެވެ.

އަދި މީގެ އިތުރުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފެށޭ މަހުގެ 10ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected]v އަށް މެއިލް ކުރަން ކުރަންޖެހޭނެ ކަމަށެވެ.

ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ހަދައި ވިއްކުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެފަދަ އެތައް ކަމެއް މި ފަހުން ވަނީ ފަޅާ އަރައިފައެވެ. އެކަން އެހެން ބޮޑަށް ދިމާވާ ސަބަބަކީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ވިޔަފާރި ބިދޭސީން ކޮންޓްރޯލް ކުރަން ފެށުމެވެ.

ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ވިއްކުން ނުހުއްޓުވޭ މައްސަލާގައި އެމްއެފްޑީއޭއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމްއެފްޑީއޭއަށް ގާނޫނީ ބާރުތަކެއް މި ފަހުން ލިބިފައިވާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ.

comment ކޮމެންޓް