ހަކަތައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ރާއްޖެެއިން ބޭރަށް މީހުން ފޮނުވުމުގެ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީސް ކުންފުނިތަކާ ގުޅިގެން އެ މަސައްކަތްތައް ކުރާ ކަމަށާއި ރާއްޖެއިން ބޭރުގައިވެސް މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، ހައިބްރިޑް ސިސްޓަމްތަކާ ގުޅޭ މައުލޫމާތު ދެނެގަތުމަށް މިހާރު ވެސް ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުން ދެ މުވައްޒަފުން ޗައިނާއަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދަތުރުގެ ތެރެއިން ހައިބްރިޑް ސިސްޓަމްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އެއްޗެހި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކިޔައިދޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ކުރިއަށްގެންދާ ކޮންމެ މަޝްރޫއެއް ފެށުމުގެ ކުރީން ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ މަޝްރޫއުތައް ސުޕަވައިޒް ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ތަމްރީނުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާކަން އަހުމަދު ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރަނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށެވެ. އޭގެތެރޭގައި ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ތެލަށް ބަރޯސާވާ ބަރޯސާވުން ނުވަތަ އިގުތިސާދީ ގޮތުން ކުރަންޖެހޭ ޚަރަދު އެބަ ކުޑަކުކުރެވިގެންދޭ. ދެން މި ހުރިހާ ކަމެއްގެ މައްޗަށް އަޅުގަނޑުމެން މިހާރު ހަކަތަ އުފައްދަން ބޭނުންކުރާ ޑީސަލް، މައިގަނޑު ގޮތެއްގައި ޑީސަލް އަޅުގަނޑުމެން ރާއްޖޭގައި މި ބޭނުންކުރަނީ، މީގެސަބަބުން ތިމާވެއްޓަށް އަންނަ ގެއްލުން ވެެސް ކުޑަކުރުން
މުއާވިޔަތު ވިދާޅުވީ ރާޢްޖޭގެ ޖީޑީޕީގެ 13 ނުވަތަ 14 ވަރަކަށް ޕަސެންޓު ތެޔޮ އެތުރުކުރުމަށް ހޭދަކުރާއިރު އިއާދަކުރެނިވި ހަކަތައަށް ކުރެވޭ ކޮންމެ އިންވެސްޓުމެންޓަކާއެކު ޑީސަލަށް ކުރާ ޚަރަދުގެ ބައެއް މަދުވާނެ ކަމަށެވެ. އެއާއެކު ރާއްޖެ އެތެރެކުރެވޭ ތެޔޮ މަދުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ޑީސަލް އެތެރެކުރަނީ ބޭރު ފައިސާ ހޯދައިގެން ކަމަށްވާއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމުން، ޑީސަލް އެތެރެކުރުމަށް ފޮނުވާ ފައިސާ ވެސް ވަރަށް ބޮޑަށް މަދުވާނެ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.