ފަންނާއި ސަގާފަތަށް ޚާއްސަ ސެންޓަރެއް ގާއިމް ކުރުމަށް ޓަކައި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރާ 'އާޓްސް އެންޑް ކަލްޗާ ސެންޓަރު' އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި، ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއްގައި މަސައްކަތް ކުރާނީ ބީސީސީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެންނެވެ. އެގޮތުން، މި ސެންޓަރުގެ ވަސީލަތްތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ހިންގުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އާޓްސް އެންޑް ކަލްޗާ ސެންޓަރެއް އެޅުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި ބީސީސީއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި --
މީގެ ތެރޭގައި ޢިލްމީ ވަޞީލަތްތަކާއި، ފަންނީ ލަފަޔާއި، ތަން ހިންގުމަށް ލޮޖިސްޓިކަލް ގޮތުން ބޭނުންވާ އެއްބާރުލުން ދިނުމުގެ އިތުރުން ވެސް ތަނުގެ ޚިދުމަތާއި ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކަށް ޢިލްމީ ޤާބިލުކަން އިތުރު ކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ހިންގުން ވެސް ހިމެނެއެވެ.
ބީސީސީއާއި ޕޮލިޓެކްނިކް ގުޅިގެން އާޓްސް އެންޑް ކަލްޗާ ސެންޓަރު އިޝްތިހާރުކޮށް، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި، އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ޖަމާއަތްތަކަށާއި، އެ ނޫން ވެސް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެތަނާބެހޭ މަޢުލޫމާތު ފޯރުކޮށްދީ ހެދުމަށް ތަފާތު ޙަރަކާތްތައް ހިންގުމަށް ވެސް މި ފަހުމުނާމާގެ ސަބަބުން މަގުފަހިވާނެއެވެ.
މިއަދު ހެނދުނު ސީޑްބައި ބީސީސީގައި ބޭއްވި މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ސްޓްރެޓެޖިކް އޮފިސަރު މަރިޔަމް ނަޝާއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒޫޝާން ކަމާލުއްދީން އެވެ.