ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް ނުކުރާން ފައިސަލް އެދިވަޑައިގެންފި

ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ، ފަތުރުވެރިކަމުގެ ސިނާއަތަށް 53 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިތާބުގައެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޓޫރިޒަމް އެންޑް ޕީސް" ނުވަތަ ފަތުރުވެރިކަމާއި ސުލްހަ މަސަލަސްކަމެވެ.

ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ފައިސަލް ވިދާޅުވީ ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ، ގައުމުގެ ހަމަޖެހުމަކީ އެންމެންވެސް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ ދިވެހީންނަށް ކުރެވޭ ކަމަކުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ދުނިޔޭގެ ސަމާލުކަމަށް އެފަދަ ކަމެއް އައިސްފިނަމަ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކުރާނެ އެއްވެސް ކަމެއް އެއްވެސް ދިވެހި ރައްޔިތަކު ނުކުރުމަކީ އަދި ފަތުރުވެރިކަމަށް ދިވެހިން ބަހައްޓާ ޝައުގުވެރިކަން އިތުރަށް ބަހައްޓައިގެން މީގެ ތެރޭގައި ވީހާވެސް ބޮޑަށް މި ސިނާއަތުގައި ކުރިއަރައި ދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ދުވަސް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ފައިސަލް ވިދާޅުވީ މި ފަސް އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރަންހުރި ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރައްވާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ ޑިސެމްބަރު މަހު އައު ޓާމިނަލް ހުޅުވޭނެ ކަމަށާއި އޭރުން 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެއާއެކު އަންނަ އަހަރު ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އޭގެ ހެޔޮ ނަތީޖާއަކަށް ވާނީ ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންގެ ޓާގެޓް، 3.5 މިލިއަން ފަތުރުވެރިން ނުވަތަ 4 މިލިއަން ފަތުރުވެރިންނަށް ރާއްޖޭގެ އެރައިވަލްސް ގެންދިޔުމަށް ހިފާފައިވާ އަމާޒު ކާމިޔާބު ހޯދޭނެ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅައިބަލާއިރު 238،000 ފަތުރުވެރިންގެ ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ އަމާޒު ކަމަށްވާ ދެ މިލިއަން ފަތުރުވެރިން ރާއްޖެ އައުން ވެސް ކާމިޔާބުވާނެކަން ތަފާސްހިސާބުން ދައްކާ ކަަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކަމާ ގުޅުން ހުރި އެހެން ޖަމިއްޔާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކާއި، ރާއްޖެއަށް އައު މާކެޓުތައް ގެނައުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ގިނަ ޒުވާނުން ދާއިރާ ތެރެއަށް ވަދެ، އިންވެސްޓުކުރާ ދުވަހެވެ. އަދި ވަކިން ޚާއްސަކޮށް ޖެނެރަލް މެނޭޖަރުން ފަދަ، ދާއިރާގެ އެންމެ ސީނިއާ މަގާމުތައް އެއީ ދިވެހިން ފުރާ މަގާމުތަކަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް