ފަންނުވެރިން ތަފާތު ތަކެތިން ތައްޔާރުކުރާ އުފެއްދުންތަކުގެ ތެރެއިން އަބަދުވެސް އެންމެ މަގުބޫލުވާ އެއް ބާވަތުގެ އުފެއްދުމަކީ އަސްލާ އެއްގޮތަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. މިސާލަކަށް ލަކުނޑިން ހަދައިފައި ހުންނަ ޑިޒައިންތަކާއި ފޮޓޯއެއްހެން ހީވާފަދަ ކުރެހުންތަކެވެ. މިފަހަރު މިއޮތީ ދިވެހި ހުނަރުވެރިޔަކު ތައްޔާރުކުރާ ކޭކުން އެފަދަ އިހުސާސުތައް ގެނުވާ ވާހަކައެވެ.
މަރިޔަމް ޝަފާނާ (ޝަފާ)ގެ މިތަފާތު ހުނަރު ފެށެން މެދުވެރިވީ މީގެ 10 އަހަރު ކުރިން ކޭކު އެޅުމުގެ ބޭސިކް އެންޑް އެޑްވާންސްޑް ކޯސް ހެދި ހިސާބުންނެވެ. އެ ކޯހަށް ފަހު، ޝަފާ އައީ ކޭކު އަޅަން ފަރިތަކުރަމުންނެވެ.
އޭރުން ފެށިގެން ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ޝަފާ އައީ ތަފާތު ކޭކުތައް އަޅަމުންނެވެ. އެ ފަރިތަ ކުރުމުގެ ތެރެއިން، 'ރިއަލިސްޓިކް'ކޮށް ހުންނަ ކޭކުތައް ފެނި ޝަފާގެ ޝައުގުވެރިކަން ދަމައިގަތެވެ. އަދި ކޭކުތައް ރީތި ކުރަމުން ގޮސް އެންމެ ފަހުން ޝަފާ ރިއަލިސްޓިކް ކޭކު އަޅަން ފެށި މީގެ ފަސް އަހަރު ކުރިންނެވެ.
އެ މަސައްކަތް ފަށައިގަތްއިރު، އަސްލާ އެއްގޮތް ކޭކުތަކަށް މާ ބޮޑު ޑިމާންޑެއް ނެތެވެ. ނަމަވެސް މިފަހުން އެކަހަލަ ކޭކުތައް ބޭނުންވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ތަފާތު އެއްޗެހި ސިފަވާ ކޭކުތަކަށް އޯޑަރުތައް ގިނަ ވާން ފެށިއެވެ.
"ރާއްޖޭގައި އަނެއްހެން އެކަހަލަ އެއްޗިއްސަށް ވަރަށް އޯޑާސްވެސް ނާދޭ. އޯޑާތައް އަންނާނީ އުފަންދުވަސް ކަހަލަ ޓިޕިކަލް ޑިޒައިންސްއަށް. އެކަމަކު ވަރަށް ފަހުން، މިހާރު މީހުން ބޭނުންވޭ ރިއަލިސްޓިކް ކޭކު،" ޝަފާ ކިޔައިދިނެވެ.
ޔޫޓިއުބްގެ އިތުރުން މި ދާއިރާގެ އެހެން މީހުން ކޭކު ޑިޒައިން ކުރާ ގޮތްތައް ބަލައިގެން، އޭނާ އަންނަނީ އަޅާ ކޮންމެ ކޭކެއް ވެސް، އިހުނަށް ވުރެ ފުރިހަމަ ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފައިވަނީ ޝަފާ ތައްޔާރުކޮށް، ފޮޓޯ ހިއްސާކޮށްފައިވާ، ސިންގާއެއްގެ ސޫރަވާ ކޭކެކެވެ.
ޝަފާ އެ ކޭކް ޑިޒައިން ކުރަން ފެށީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަންގައި ބައިވެރިކުރުމަށެވެ.
"ހަމަ ހިތަށް އެރީ ވަރަށް ޔުނީކް އެއްޗެކޭ ހަދާނީ ދޯ. ހިތަށް އަރާފައި މިހެން ފޮޓޯ އެއްޗެހި ބަލަމުން، ދެން އަސްލު ޝަފާގެ ދަރިފުޅު ދިން އައިޑިއާއެއް މީ. މަންމަ ހަދަން ވީނުންހޯ ލަޔަން އެއް ކަހަލަ އެއްޗެއް،" ކޭކު އެޅުމަށް ޚިޔާލު ލިބުނު ގޮތް ޝަފާ ކިޔައިދިނެވެ.
ދިހަ އަހަރުގެ ދަރިފުޅުގެ އެ ޚިޔާލާއެކު، ޖަންގަލީގެ ރަސްގެފާނު ވީހާވެސް އަސްލާ އެއްގޮތަށް ސިފަވާ ގޮތަށް ކޭކު ތައްޔާރުކުރަން ޝަފާ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ކޭކުގައި ބޭނުންކޮށްފައިވާ ފޮންޑެންޓުން ސިންގާގެ ކެހެރި އާއި ދަތްތަކާއި ވަކިތަކުން ބާރުގަދަކަން ދައްކުވައިދީފައިވެއެވެ.
އެ މަސައްކަތްތައް ޝަފާއަށް އެއްކޮށް ނިންމާލެވުނީ ދެ ހަފުތާ ފަހުންނެވެ.
އެ ބުރަ މަސައްކަތުގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. އެގޮތުން އެފްއެޗްއޭއެމް އެގްޒިބިޝަނުން ރަން މެޑަލް ލިބުނީ އޭނާއަށެވެ.
އެ ކާމިޔާބީ ފާހަގަކުރަމުން ޝަފާ ވަނީ ދަރިފުޅާއި ފިރިމީހާއާއި އާއިލާއާއި ރައްޓެހިންގެ ފަރާތުން ވެސް ލިބޭ އެއްބާރުލުން ފާހަގަކޮށްފައެވެ.
ޝަފާ ދެކޭ ގޮތުގައި، ގޭގައި ދަރިންގެ ކަންކަން ބަލަމުން ކުރަން މިވަރުގެ މަސައްކަތެއް ނެތެވެ. އޭނާ ފޭސްބުކްގައި ހަދައިފައިވާ ''ކޭކްސް ބައި ޝަފާ''ގެ ފޮލޯވަރުންގެ އަދަދު 17،000އަށް އަރާއިރު، ރަނގަޅަށް އޯޑަރު ލިބޭ މަހެއްގައި އާމްދަނީއަށް 20،000 ރުފިޔާ ލިބޭ ކަމަށް ޝަފާ ބުނެއެވެ.
"ބޭނުންވީމަ ޗުއްޓީ ނަގާލެވޭނެ. އޯޑާ ނުނެގީމަ ޗުއްޓީ ލިބުނީތާ. ދެން އަނެއްކާ މީހެއްގެ ދަށުވެގެން މަސައްކަތް ކުރާކަށް ނުޖެހޭނެ،" އޭނާ ކިޔައިދިނެވެ.
މި މަސައްކަތުގައި ޝަފާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ފިރިމީހާގެ ފަރާތުންނެވެ. އެންމެ ބުރަކޮށް އުޅެން ޖެހޭ ދުވަސްވަރު، ދަރިންގެ ކަންތައް ވެސް ފިރިމީހާ ޝަފާއަށް ކޮށްދެއެވެ.
"ފެމިލީއާ ދެން ވަރަށް ގާތް ފްރެންޑުން ކޮޅެއް އުޅޭނެ ހަމަ ކޭކު އަޅާ ކުދިންކޮޅެއް. އެކުދިން ޝަފާއަށް އުނދަގޫ ވެގެން ބުނެލާއިރަށް އައިސްދޭނެ ހެލްޕް ކޮށްލަދޭން. އެކުދިންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ،" ޝުކުރާއެކު އޭނާ ފާހަގަކުރިއެވެ.
ދަރިންގެ ކަންތައްތައް ކުރަން ނުވަތަ ސުކޫލު ނިންމާފައި ގޭގައި ތިބޭ އަންހެނުންނަށް ޝަފާގެ މެސެޖަކީ، ކޭކު އަޅައިގެން އާމްދަނީ ހޯދުމަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމެވެ. ބުރަ ކަމަކަށް ވިޔަސް ހިތްވަރާއެކު ކުރާ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއެވެ.