މިފްކޯގެ އަމާޒަކީ މި އަހަރު ނިމޭއިރު ހަފުތާއަކު އެއް ފަހަރާ މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މަސްވެރިން ބާނާ މަހަށް މަދުވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެކަން އެ ގޮތަށް ނުކުރެވެނީ އިގުތިސާދީ ދަތިތަކުގެ ސަބަބުން ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
"ސަން"އަށް މައުލޫމާތު ދެމުން މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު މަސްވެރިންނަށް ފައިސާ ދެމުން އަންނަނީ މިނިސްޓަރީއާ އެކު މަޝްވަރާކުރުމަށް ފަހުު ދެ ހަފުތާގެ ތެރޭގައި ކަމަށެވެ. އަދި، އަމާޒަކީ ދެ ހަފުތާއަށް ވުރެ ޑިލޭ ނުކުރުން ކަމަށާއި އަހަރު ނިމޭއިރު އެ މުއްދަތު ކުޑަކޮށް ކޮންމެ ހަފުތާއަކު އެއް ފަހަރު މަސްވެރިންނަށް ފައިސާ ދިނުން އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިނިސްޓްރީގައި ބުނެފައިވާނީ އެންމެ ލަސްވެގެން ދެ ހަފުތާ ތެރޭގައި ދޭނެ ވާހަކަ. އެކަމަކު، އެއަށްވުރެ ކުރިން ދެވެން އޮންނައިރު އެއަށްވުރެ ކުރިން ވެސް އެބަ ދެން އެންމެ ފަހުން ވެސް މި ދިނީ 12 ދުވަހުގެ ތެރޭގައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ މަސްވެރިން ކިރާ މަހަށް ދުވަހުން ދުވަހަށް ފައިސާ ދޭން ކަމަށެވެ.
މި ފަހުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވަނީ މަހުގެ އަގު މިހާރު ހުރިގޮތުން ކޮންމެ ހަފުތާއަކު ފައިސާ ދިނުމަށް މިފްކޯއަށް ދަތި ނުވާނެ ކަމަށާއި މިފްކޯއަށް އެންމެ ބޮޑު ދައްޗެއް ދިމާވީ މި ފަހުން މަސްވެރިކަން ދަށްވުމުން ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ސަރުކާރުން ވަނީ މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ފަހުން އެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ފަހު ވެސް ފައިސާ ދޫކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެ، ސަރުކާރުން ނިންމީ މިފްކޯއިން މަސް ގަންނާނީ ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ކަމަށެވެ. އެ ބަދަލާ އެކު، މަސްވެރިން ކިރާ މަހަށް ދެ ހަފުތާގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.