އެމެރިކާއިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: އެމެރިކާއިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ވަނީ ނިންމާފައި --- ފޮޓޯ/ ރައީސް އޮފީސް

އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

އެކަން އިއުލާނުކުރީ، އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ޔޫއެސްއެއިޑްގެ "ޑިމޮކްރަސީ ޑެލިވާސް" އިވެންޓުގައި ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއެވެ.

އެ ކަމާ ގުޅިގެން ޔޫއެސްއެއިޑުން ނެރުނު ބަޔާނެއްގައި ބުނީ, ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި 4.4 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ތިން މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ މީޑިއާ ލިޓްރެސީ ޕްރޮގްރާމިން ހަރުދަނާކުރުމަށާއި، އިންފޮމޭޝަން ރެޒިލިއަންސް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ޕަބްލިކް އަދި މީޑިއާގެ ދާއިރާގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ޔޫއެސްއެއިޑުން ބުންޏެވެ.

ބާކީ 1.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ޑިމޮކްރެޓިކް ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ސިވިކް އެންގޭޖްމަންޓާއި، ލޯކަލް ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި، އަންހެނުންގެ ތަރައްގީއަށެވެ.

https://sun.mv/197159

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އދ ގެ 79ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަމައިންތާ ވަނީ ރާއްޖޭގެ ރޭވުންތަކަށް ތައުރީފުކުރައްވައި އެކި ކަންކަމުގައި އެއްބާރުލުން ދިނުމަށް ޔޫއެސްއެއިޑުން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޖީޕީ)ގެ މެންބަރަކަށްވުމަށް އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް