ދިވެހިރާއްޖެއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)އިން ދީފިއެވެ.
ޔޫއެސްއެއިޑުން މި ޔަގީންކަން ދީފައި ވަނީ ރައީސް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އދ.ގެ 79ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓާ ސަމައިންތާ ޕަވާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސަމައިންތާ ވަނީ ރާއްޖޭގެ ރޭވުންތަކަށް ތައުރީފުކުރައްވައި އެކި ކަންކަމުގައި އެއްބާރުލުން ދިނުމަށް ޔޫއެސްއެއިޑުން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.
އަދި ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އޯޕަން ގަވަމަންޓް ޕާޓްނާޝިޕް އޯޖީޕީ ގެ މެންބަރަކަށްވުމަށް އެހީތެރި ވެދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ މިއީ ރައީސްގެ ތަރައްގީގެ އެޖެންޑާއާ ގުޅިލާމެހިފައިވާ ކަންކަން ކަމަށެވެ.
މި ބައްދަލުވުން ނިންމާލާފައި ވަނީ ދެފަރާތުގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމަށާއި ފައިދާހުރި ގޮތެއްގައި ގުޅިގެން ދެ ގައުމުން މަސައްކަތް ކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.
ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ ފަލަސްތީނުގެ ރައީސާވެސް ބައްދަލުކުރައްވާ ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ދުނިޔޭގެ އެހީތެރިކަމަށް ގޮވާލާފައެވެ.