އިންވެސްޓަރުންނަށް ރައީސް ދެއްވީ އިއާދަކުރަނިވި ހަކަތައިގެ ވިޔަފާރި ރާއްޖޭގައި ފައިދާ ބޮޑުވާނެކަމުގެ ޔަގީންކަން

އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އިއާދަކުރަނިވި ހަކަތައިގެ ވިޔަފާރިއަކީ ރާއްޖޭގައި ފައިދާ ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވިދާޅުވެ އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ގޮވައިލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ދެމެހެއްޓެނެވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ބޭއްވި ސައިޑް އިވެންޓުގައެވެ.

ރައީސް ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބަދަލުވާ ވުމަކީ ހަމައެކަނި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ އިގްތިޞާދަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ ބާރު އިތުރުކުރުމަށް ވެސް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މި ކަމަށް ޝައުގުވެރިކަން ހުރި ޕާޓްނަރުންނަށް އަޅުގަނޑަށް ޔަގީންކަން ދެވިދާނެ، ރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ވިޔަފާރިކުރުމަކީ ފައިދާ ބޮޑު ވިޔަފާރި ފުރުސަތަކަށް ވާނެ ކަމުގެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަނޑަކީ ހަކަތަ އުފައްދަން ކިހާ ރަނގަޅު ވަސީލަތެއްތޯ ދެނެގަންނަން ބޭނުންވާ ކަމަށެވެ.

އޭގެ ތެރޭގައި އޮއިންނާއި، ރާޅުން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެއާއެކު ރައީސް ވަނީ އިޔާދަކުރަނިވި ހަކަތައިގެ މި ދާއިރާއިންނާއި އެހެން ދާއިރާތަކުން އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ދައުވަތު ދެއްވައިފައެވެ. އަދި ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޓެސްޓުކުރުމަށް އެންމެ ފަހި ގައުމުކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އޮތީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ކަނޑައަޅައިފައިވާ އަމާޒަށް ވާސިލްވުމުގައި މާ ދުރަކު ނޫން ކަމަށެވެ. ނަމަވެސް އެކުވެެރި ގައުމުތަކާއި، އެކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސްވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތުގެ އެކި މަސަައްކަތްތަކަށް ބޭނުންކުރާ ހަކަތައިގެ، ޚާއްސަކޮށް ޕްރޮސެސްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ހަކަތައިގެ 35 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު މިހާރު އދ.ގެ އެކި ފޯރަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކުގައި ގެންދަވަނީ އެކި ދާއިރާތަކުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ރާއްޖެއަށް ހުރި ފުރުސަތުތައް ވެސް ފާހަގަކުރައްވަމުންނެވެ.

comment ކޮމެންޓް