ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަނީ

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ސެޓްލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސެޓެލައިޓް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ރާވައިގެން ހިންގާ ކުށްތައް ރާއްޖެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ހިންގަނީ، މި ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއް އޮތް ސަރަހައްދެއް ކަމަށް ވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެއިން ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަސްކަރިއްޔާގެ ޑްރޯންތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާ ގުޅުން އޮންނަ ޒުވާން ދިވެހި ކުދީންތަކެއް އުފައްދާފައިވާ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަނާ ގުޅިގެން ޑިފެންސް މިނިސްޓްރީން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ސެޓެލައިޓް މެދުވެރިކޮށް ބެލޭނެ ނިޒާމު މި މަސައްކަތުގެ ދަށުން ވަރަށް ކައިރި މުސްތަގުބަލެއްގައި ގާއިމްކުރެވޭނެ ކަމަށެވެ.

"މި މަސައްކަތުގެ ދަށުން މިހާރު މިބަލަނީ ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން އެވެއާނަސް، މާނައަކީ އަޅުގަނޑުމެންގެ މުޅި ސަރަހައްދު ބެލެމުގެ މަސައްކަތް، ވަރަށް ކައިރި މުސްތަގުބަލެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސެޓްލައިޓު މެދުވެރިކޮށް ބެލޭނެ ނިޒާމެއް ވެސް ގާއިމްކުރާނަން،" ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ ގައުމުތަކާއެކު މަސައްކަތްކޮށް، ރާއްޖެ އޮންނަ ސަރަހައްދަކީ އެއްވެސް ކަހަލަ ނުރައްކަލެއް ދިމާނުވާ ސަރަހައްދަކަށް ހެދުން ކަމަށެވެ.

ރާއްޖޭގެ އެއްގަމާއި ވަޔާއި ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ދިވެހިން އަމިއްލަ އަށް ބަލަހައްޓާ ގޮތް ހަދައި، ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

comment ކޮމެންޓް