ޣައްޒާގެ ކުޑަކުދިންނެކޭ އެއްގޮތަށް އދ.ގެ ސިސްޓަމް ވެސް ދަނީ މަރުވަމުން: އުރުދުޣާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އދ ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ރޮއިޓާސް

ފަލަސްތީނުގެ ޣައްޒާގައި މަރުވަނީ ހަމައެކަނި ކުޑަކުދިން ނޫން ކަމަށާއި، އދ. ގެ މުޅި ނިޒާމު ވެސް މަރުވަމުންދާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން އެގޮތަށް ވިދާޅުވީ ރޭ ނިއުޔޯކުގައި ބޭއްވި އދ. ގެ 79 ވަނަ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅަނގުން ދިފާއުކުރާ ކަމަށް ބުނާ އުސޫލުތައް މަރުވަމުންދާއިރު، އިންސާފުވެރި ދުނިޔެއެއްގައި އުޅުމުގެ އުންމީދު މަރުވަމުން އަންނަ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

"އަހަރެން މިތަނުގައި ސާފުކޮށް އަހާލަން ޣައްޒާއާ ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި މީހުންނަކީ އިންސާނުން ނޫންތޯ؟ ފަލަސްތީނުގެ ކުދިންނަށް އެއްވެސް ހައްގެއް ނެތްތޯ؟" އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއަށް ފާޅުގައި ފާޑުކިޔައި އުރުދުޣާން ވަނީ މެދުއިރުމަތީ ސަރަހައްދުގައި ހަނގުރާމައަށް ހުޅުވާލައިފައިވާ ކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ވެސް ފާޑުވިދާޅުވެފައެވެ. ކުރީގެ ނާޒީ ބޮޑުވަޒީރު އެޑޮލްފް ހިޓްލަރާއި ނަތަންޔާހޫ އަޅައި ކިޔައި ހިޓްލަރު ހުއްޓުވި ގޮތަށް ނަތަންޔާހޫއާ އޭނާގެ ޓީމު ހުއްޓުވުމަށް ވެސް އުރުދުޣާން ގޮވައިލެއްވިއެވެ.

އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކުގައި ގާތްގަޑަކަށް 41،467 މީހުން ޝަހީދުވެފައިވާ ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް އުރުދުޣާން ގޮވައިލެއްވިއެވެ.

"އަވަސް ގޮތެއްގައި ދާއިމީކޮށް ހަނގުރާމަ ހުއްޓައިލައި، ރަހީނުން ބަދަލުކޮށް، އެއްވެސް ހުރަހެއް އަދި މެދުކެނޑުމެއް ނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ." އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ސަރައްހައްދީ އެހެން ލީޑަރުން ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ ވިދާޅުވީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް ގެދިރު ދޫކޮށްލުމަށް މަޖުބޫރު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އިންޒާރު ދެއްވައިފައެވެ.

އާންމު މަޖިލީހުގައި ދުނިޔޭގެ ލީޑަރުންނާ މުޚާޠަބު ކުރައްވަމުން ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ތާނީ ވިދާޅުވީ ޣައްޒާގެ ސަރަހައްދުގައި އިސްރާއީލުން ހިންގާ ހަނގުރާމައަކީ ނަސްލު ނައްތާލުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް