އެއްވަނައަށް 100،000 ރުފިޔާގެ އިނާމެއް ލިބޭގޮތަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގައި މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް މިއަދު އިއުލާން ކޮށްފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އާޓިސްޓުންނާއި ޑިޒައިނަރުންގެ އިތުރުން އާކިޓެކްޓުންގެ މެދުގައި މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މި މުބާރާތުގެ އެންމެ ފުރިހަމަ ޑިޒައިނަށް އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ދޭނެ ކަމަށެވެ. މިއީ ހަމައެކަނި އުފެއްދުންތެރި ކަމުގެ ހުނަރުތައް ދައްކައިލަން ލިބޭ ފުރުސަތެއް ނޫންކަން ފާހަގަކޮށް، އެޗްޑީސީން ބުނީ މި މުބާރާތަކީ ހުޅުމާލޭގެ ސަގާފީވަންތަ ސިފަތަކަށް ވެސް ދެވޭ އެއްބާރުލުމެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޓްރެފިކް ސާކަލްތައް އިތުރުވަމުން އަންނައިރު، އެ ތަންތަނުގައި ދިވެހީންގެ ރާއްޖޭގެ ރަމްޒުތައް ބިނާނުކޮށް، ދޫކޮށްނުލެވޭނެ ކަމަށެވެ.
އަދި ހުޅުމާލޭގެ ތަރައްގީ ބައްޓަން ކުރުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެ ގޮތުން މުބާރާތުގައި އުފެއްދުންތެރިކަމުގެ ހުނަރުތައް ދައްކައިލާއިރު، އެޗްޑީސީން ދިވެހީންގެ ރާއްޖޭގެ ރަމްޒުތައް ބިނާކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ މި ބޮޑު މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމީ ތަރިކައާއި، މުއްސަނދި ސަގާފަތްތަކާއި، ދިވެހީންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާތަކެއް އެޅުން ކަމަށެވެ.
މި މުބާރާތަކީ ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންގެ އިތުރުން، ގުޅުންހުރި ދާއިރާތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ވަކިވަކިން ވެސް ނުވަތަ ފަސް މެންބަރުންގެ އެކުލެވޭ ޓީމެއްގެ ގޮތުގައި ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާނަމައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް [email protected]v އަށް ބައިވެރިވާ ފަރާތުގެ ނަމާއި، ތަފުސީލު ތައާރަފަކާއި، ގުޅޭނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހުށަހަޅާ ތަކެތީގެ ގޫގަލް ޑްރައިވް ލިންކު މެއިލް ކުރަން ޖެހޭނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.
މި މުބާރާތުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.