ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދާ ޚިދުމަތް ދޭތީ، 'ފަޒީސް ހިޖާމާ ތެރަޕީ' ބަންދުކޮށްފިއެވެ.
'ފަޒީސް ހިޖާމާ ތެރަޕީ' ބަންދުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި ހިޖާމާ ޖެހުމުގެ ޚިދުމަތް ހުޅުމާލޭގައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީން އެދިފައި ވާތީ، އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލައިފައި ވާކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް ހުއްދަ ނަގައިގެން ވިޔަފާރީގެ އެފަދަ މުއާމަލާތް ކުރުމަށް ކްލިނިކްގެ ވެރިފަރާތްކަމުގައިވާ ފަޒީލާ ޢުސްމާނަށް ލިޔުމުން ނަސޭހަތް ދީފައި ވާނެކަމަށާއި ހުއްދަ ލިބެންދެން މިހާރުދޭ ޚިދުމަތްތައް މެދުކަނޑާލުމަށް އަންގައިފައި ވާނެކަކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ތަހުގީގަށް ދޭންޖެހޭ އެއްބާރުލުން ފަޒީލާގެ ފަރާތުން ލިބޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
'ފަޒީސް ހިޖާމާ ތެރަޕީ'ގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ފަޒީލާ ވަނީ ކްލިނިކްގެ ޚިދުމަތް މެދުކަނޑާލަން ޖެހުމުން މައާފަށް އެދިފައެވެ.
"ހެލްތު މިނިސްޓްރީން ހުއްދަ ލިބުމާއެކު ޚިދުމަތް އަލުން ފެށޭނެ ވާހަކަ ދަންނަވަން،" ފަޒީލާ ލިޔެފައިވެއެވެ.
މީގެއިތުރުން، އޭނަ ލިޔެފައި ވަނީ ކްލިނިކް ހިންގުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިމަހުގެ 11ގައި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ "ފަޒީސް ހިޖާމާ ތެރަޕީ"ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް ހެލްތު މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައް ވެސް ނެގުމަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ރެޖިސްޓްރީނުކޮށް ހިޖާމާއާއި ދިވެހިބޭހުގެ ޚިދުމަތް ދެމުންދާކަން ފާހަގަކުރެވުމާއެކު، އެ ފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ހެލްތު މިނިސްޓްރީން އޮތީ އަންގައި އިއުލާން ވެސް ކޮށްފައެވެ.
ފަޒީލާއަކީ ހިޖާމާ ޖަހައިގެން ވަރަށް ބޮޑު އާމްދަނީއެއް ހޯދަމުން އައި މީހެކެވެ.